ދިވެހިރާއްޖޭގެ ފުޓްސަލް އިތުރަށް ހަރުދަނާކޮށް، މުޅި ރާއްޖޭގައި ފުޓްސަލްގެ ފެންވަރު މަތިކުރުމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މޯލްޑިވްސް އިން ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ޕާޓްނަޝިޕްގެ ދަށުން، ކްލަބް މޯލްޑިވްސް އިން އިންތިޒާމުކުރާ ކްލަބް މޯލްޑިވްސް ކަޕް އަދި 18/30 ފުޓްސަލް ފިއެސްޓާ އަކީ އެފްއޭއެމް އިން ރަސްމީކޮށް ބަލައިގަންނަ (އެންޑޯޒްކުރާ) މުބާރާތްތަކެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

Ad
rt

މީގެ އިތުރުން، މިއަހަރުން ފެށިގެން އަތޮޅު ފެންވަރުގައާއި ރީޖަނަލް ފެންވަރުގައި ބާއްވާ ފުޓްސަލް މުބާރާތްތައް އިންތިޒާމުކުރުމުގައި ކްލަބް މޯލްޑިވްސްގެ ފަރާތުން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން ރީޖަނަލް މުބާރާތްތަކުން ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް އަންނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުން ޖާގަ ލިބިގެންދާނެއެވެ. މިއީ ރާއްޖޭގައި ރަސްމީ ފުޓްސަލް ލީގެއް އުފެއްދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްސަލް ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމަށް އިތުރު ފުރުސަތުތަކެއް ހުޅުވި، ރާއްޖޭގެ ފުޓްސަލް އާ އުސްމިންތަކަކަށް ވާސިލްވާނެ ކަމަށް ބެލެވެއެވެ.