ނުރައްކާތެރި ހެންޓާވައިރަސް ފެތުރިފައިވާ ކުރޫޒް ޝިޕް، 'އެމްވީ ހޮންޑިއަސް' އިން ބަލިޖެހުނު ތިން މީހަކު ކުއްލި ހާލަތުގައި ބޭލުމަށްފަހު، އެ އުޅަނދު މިހާރު ސްޕެއިންގެ ކެނޭރީ އައިލެންޑްސްއަށް ދަތުރުކުރަން ފަށައިފިއެވެ.
މި އުޅަނދު ތިން ދުވަސް ވަންދެން ކޭޕް ވާޑޭ ކައިރީގައި ބަނދަރުކޮށްފައި އޮތުމަށްފަހު ދަތުރު ފަށާފައިވަނީ ބަލިޖެހުނު މީހުން ފަރުވާއަށް ނެދަލޭންޑްސްއަށް ގެންދިއުމަށްފަހުގައެވެ.
އޮޕަރޭޓަރު އޯޝަންވައިޑް އެކްސްޕެޑިޝަންސްއިން ބުނި ގޮތުގައި، ބޭލި މީހުންގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތް، ނެދަލޭންޑްސް އަދި ޖަރުމަނުވިލާތުގެ މީހެކެވެ. މީގެ ތެރެއިން 65 އަހަރުގެ ޖަރުމަނު މީހާއަކީ މެއި މަހުގެ 2 ވަނަ ދުވަހު އުޅަނދުގައި މަރުވި ޖަރުމަނު އަންހެން މީހާއާ ގާތް ގުޅުމެއް އޮތް މީހެކެވެ. އިނގިރޭސިވިލާތުގެ މީހަކީ ކުރީގެ ފުލުހެއް ކަމަށްވާ 56 އަހަރުގެ މާޓިން އެންސްޓީ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެއެވެ.
މި އުޅަނދު އާޖެންޓީނާއިން ފުރި ފަހުން މިވީ އެއް މަސް ދުވަހުގެ ތެރޭގައި ތިން މީހަކު ވަނީ މަރުވެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް އަށް ކޭސްއެއް (ތިން ކޭސް ކަށަވަރުވެފައިވާ އަދި ފަސް ކޭސް ޝައްކުކުރެވޭ) ވަނީ ފެނިފައެވެ. މީގެ އިތުރުން ސުވިޒަލޭންޑަށް އެނބުރި ދިޔަ މީހަކު ވެސް މި ވައިރަހަށް ޕޮޒިޓިވްވެ ފަރުވާދެމުންދާ ކަމަށް ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވިދާޅުވިއެވެ.
ސައުތު އެފްރިކާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، މި އުޅަނދުން ފެނިފައިވަނީ ލެޓިން އެމެރިކާގައި އާންމުކޮށް ފެންނަ 'އެންޑީސް ސްޓްރެއިން' އެވެ. މިއީ އިންސާނުންގެ މެދުގައި ފެތުރުމުގެ ފުރުސަތު އޮތް ވައިރަހެއްކަން މީގެ ކުރިންވެސް ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައެވެ. މިވަގުތު އުޅަނދުގައި 23 ގައުމަކަށް ނިސްބަތްވާ 146 މީހުން ތިބިއިރު، އެމީހުން ތިބީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކު ކަމަށް އޮޕަރޭޓަރުން ބުނެއެވެ.
އެމެރިކާގެ ޖޯޖިއާ އަދި އެރިޒޯނާ ސްޓޭޓުންވެސް ދަނީ މި އުޅަނދުން ދަތުރުކުރި ތިން މީހަކު މޮނިޓަރ ކުރަމުންނެވެ. ނަމަވެސް އެމީހުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް އަދި ފެނިފައެއް ނުވެއެވެ. މީގެ އިތުރުން، ސައުތު އެފްރިކާގައި މަރުވި 69 އަހަރުގެ އަންހެނަކާ ކޮންޓެކްޓްވި ކޭއެލްއެމްގެ ފްލައިޓް އެޓެންޑެންޓަކުވެސް ބަލީގެ އަލާމާތްތަކާއެކު އެމްސްޓަޑަމްގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!