ހެޔޮ ނިޔަތުގައި، ސައްހަ ގޮތަށް އަދި ޒިންމާދާރު ކަމާ އެކު ހުށަހަޅާ މައުލޫމާތު ހޯދައި ލިބިގަތުމުގެ (އާރުޓީއައި) ހުށަހެޅުންތަކަށް ސަރުކާރުން ޖަވާބު ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ދެއްވައިފިއެވެ.

ތަރުޖަމާނު މިހެން ވިދާޅުވީ "ޕްރެސަރ ވިތު ދަ ސްޕޯކްސް" ސިލްސިލާގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުންދު ފާހަގަކުރެއްވި ގޮތުގައި، އާރުޓީއައި ހުށަހެޅުމުގައި ބައެއް ފަހަރު ޒިންމާދާރުކަން ކުޑަ އަމަލުތަކެއް ފާހަގަކުރެވެއެވެ. އެގޮތުން، ގިނަ ފަހަރަށް މައުލޫމާތު ހޯދަން އެދެނީ ކަމާބެހޭ އިދާރާ ނޫން އެހެން ތަންތަނަށް ކަމަށާއި، އެއް މައުލޫމާތެއް ހޯދުމަށް އެކި ނަންނަމުގައި ތަކުރާރުކޮށް ގިނަ ހުށަހެޅުންތަކެއް ފޮނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވަކި ނިޔަތެއް އޮވެގެންނާއި ޒިންމާދާރުކަން ކުޑަ ގޮތަކަށް މައުލޫމާތު ހޯދަން އެދޭ މައްސަލަ ބޮޑުކަމަށް ވެސް ވިދާޅުވިއެވެ.

ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ތަރުޖަމާނު ވިދާޅުވީ، ޖުމްލަ 288 އާރުޓީއައި ހުށަހަޅާފައިވާ އިރު އޭގެ ތެރެއިން 233 ހުށަހެޅުމަކަށް މިހާތަނަށް ޖަވާބު ދީފައިވާ ކަމަށެވެ. ޖަވާބު ނުދެވި ހުރި 55 ހުށަހެޅުމަކީ މައުލޫމާތު އެއްކުރަން ވަގުތު ނަގާ ކަންކަމާއި، ގައުމީ ސަލާމަތާއި، ހާރިޖީ ގުޅުންތަކުގެ އިތުރުން މާލީ އެއްބަސްވުންތަކުގެ ސިއްރު ހިފަހައްޓަންޖެހޭ މާއްދާތަކާ ގުޅުންހުރި ކަންކަން ކަމަށް މުންދު ތަފްސީލުކޮށްދެއްވިއެވެ.

އާރުޓީއައި ގާނޫނަކީ މި ސަރުކާރުން އިސްވެ ހުށަހެޅި ގާނޫނެއްކަން ފާހަގަކުރައްވައި، މުންދު ވިދާޅުވީ ސައްހަ ނިޔަތެއްގައި ޒިންމާދާރުކަމާ އެކު ކުރާ ކޮންމެ ސުވާލަކަށް ސަރުކާރުން ޖަވާބު ދެއްވާނެ ކަމަށެވެ. ނަމަވެސް ބައެއް ހުށަހެޅުންތަކުގައި މައުލޫމާތު ހޯދަން އެދޭ ފަރާތުގެ ސައްހަކަން ކަށަވަރު ނުވާ މައްސަލަ ވެސް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.