އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ގާބިލުކަމާ ގުޅޭގޮތުން ދޮގު އިޝްތިހާރު ކުރި ކަމަށް ބުނެ އެޕަލް ކުންފުންޏާ ދެކޮޅަށް ހުށަހެޅި ކްލާސް-އެކްޝަން ދައުވާއެއްގައި، 250 މިލިއަން ޑޮލަރުގެ ސެޓްލްމަންޓަކަށް އެ ކުންފުނިން އަންގާރަ ދުވަހު އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމުގެ ދަށުން، ޝަރުތު ހަމަވާ އައިފޯން ގެންގުޅޭ ފަރާތްތަކަށް 95 ޑޮލަރާ ހަމައަށް ފައިސާ ލިބުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލަ ފެށުނީ 2024 ވަނަ އަހަރު އައިފޯން 16 ބާޒާރަށް ނެރުނުއިރު، "އެޕަލް އިންޓެލިޖެންސް" ގެ ނަމުގައި ސިރީއަށް އާ އޭއައި ފީޗާތަކެއް ލިބޭނެ ކަމަށް ބުނެ އެޕަލް އިން ކުރި އިޝްތިހާރުތަކާ ގުޅިގެންނެވެ. ނަމަވެސް، އެކުންފުނިން ބުނި ފީޗާތައް ދެ އަހަރު ވީއިރުވެސް ފޯނުތަކަށް ލިބިފައި ނުވާތީ، ކަސްޓަމަރުން ވަނީ އެޕަލް އިން އޮޅުވާލާފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ފެޑަރަލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވާ ގޮތުން، މި ސެޓްލްމަންޓްގެ ދަށުން ޖޫން 10، 2024 އާއި މާޗް 29، 2025 އާ ދެމެދު އެމެރިކާގައި ވިއްކާފައިވާ ގާތްގަނޑަކަށް 37 މިލިއަން ޑިވައިސްއަށް ބަދަލު ލިބޭނެއެވެ. މީގެ ތެރޭގައި އައިފޯން 16 ގެ ހުރިހާ މޮޑެލްތަކެއް އަދި އައިފޯން 15 ޕްރޯ އާއި އައިފޯން 15 ޕްރޯ މެކްސް ހިމެނެއެވެ.
މި ޑިވައިސްތައް ގެންގުޅޭ ފަރާތްތަކަށް މަދުވެގެން 25 ޑޮލަރު ލިބޭނެ ކަމަށް ބެލެވޭއިރު، ހުށަހަޅާ ކްލެއިމްތަކުގެ އަދަދަށް ބަލައި މި އަދަދު 95 ޑޮލަރާ ހަމައަށް އުފުލުމަކީ އެކަށީގެންވާ ކަމެކެވެ. ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އީމެއިލް ނުވަތަ ސިޓީ މެދުވެރިކޮށް މިކަން އަންގާނެ ކަމަށާއި، ހާއްސަ ވެބްސައިޓެއް މެދުވެރިކޮށް ފައިސާ ހޯދުމަށް އެދި ހުށަހެޅޭނެ ކަމަށްވެސް އެޕަލް އިން ބުނެއެވެ.
"އިތުރު ދެ ފީޗާއެއް ލިބެން ހުރި މިންވަރާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާތައް ހައްލުކުރުމަށް އެޕަލް އިން ވަނީ ސެޓްލްމަންޓަކަށް އައިސްފައި،" މިކަމާ ގުޅިގެން އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަދި މި މައްސަލަ ނިންމާލީ ކުންފުނީގެ މައިގަނޑު މަސައްކަތް ކަމަށްވާ އާ އުފެއްދުންތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަމާލުކަން ދިނުމަށްޓަކައި ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އެޕަލްގެ ވާދަވެރި ގޫގްލް އަދި ސެމްސަންގް ފަދަ ކުންފުނިތަކުން ދަނީ އެމީހުންގެ ފޯނުތަކަށް އޭއައި ފީޗާތައް ތައާރަފްކުރަމުންނެވެ. އެޕަލް އިން ބުނާ ގޮތުގައި އެޕަލް އިންޓެލިޖެންސް ތައާރަފްކުރި ފަހުން ވިޝުއަލް އިންޓެލިޖެންސް އާއި ލައިވް ޓްރާންސްލޭޝަން ފަދަ އެތައް ފީޗާއެއް މިހާރު ވަނީ ތައާރަފްކޮށްފައެވެ. ސިރީގެ އާ އަޕްގްރޭޑް އަންނަ މަހު ބާއްވާ އެޕަލްގެ އަހަރީ ޑިވެލޮޕާ ކޮންފަރެންސްގައި ދައްކާލާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!