ރާއްޖޭގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު މަހުން މަހަށް އިތުރުވަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ޑެންގީ ޖެހިގެން މަހުންމަހަށް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

Ad
rt

ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މި މަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 400 އިންސައްތައަށް ވުރެ ވަނީ އިތުރުވެފައެވެ. މިގޮތުން މިއަހަރުގެ ޖެނުއަރީ މަހުން އޭޕްރިލް މަހުގެ 27ގެ ނިޔަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު މަތިވެފައިވާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރިޕޯޓްކޮށްފައިވަނީ ޑެންގީގެ 374 ކޭސްއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 2,183 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

މަސްތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރިޕޯޓްކުރީ އެންމެ 75 ކޭސް ނަމަވެސް، މިއަހަރުގެ ޖެނުއަރީގައި 679 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މި އަހަރުގެ ފެބްރުއަރީ މަހު 428 ކޭސް ރިޕޯޓްކޮށްފައިވާއިރު، މާޗް މަހު 600 ކޭސް އަދި އޭޕްރީލް މަހުގެ 27ގެ ނިޔަލަށް 476 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

ޑެންގީގެ ކޭސްތައް އިތުރުވަމުންދާކަމަށް ހެލްތުން ބުނިއިރު ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން އައި 17 އަހަރުގެ އަންހެން ކުއްޖަކާއި. އިތުރު ޒުވާނަކު މިދިޔަ އޭޕްރިލް މަހު ނިޔާވެފައިވެއެވެ.

ޑެންގީ ޖެހިއްޖެނަމަ ޢަމަލުކުރަންވީ ގޮތް

ޑެންގީ ހުން ޖެހިއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާ ބެހޭގޮތުން އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. ބަލި ޖެހިއްޖެނަމަ ގިނައިން އަރާމުކުރުމާއި ދިޔާ ތަކެތި ބުއިން އިތުރުކުރުމަށް އެދިފައިވެއެވެ. އަދި ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމަށް ސަމާލުކަން ދިނުމާއެކު، ހުން މަޑުކުރުމަށް ޕެނެޑޯލް ނުވަތަ ޕެރެސެޓްމޯލް ފިޔަވައި އެހެން ބޭސްތައް ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މަދިރިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް

މަދިރިން ރައްކާތެރިވުމަށްޓަކައި މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. މީގެ އިތުރުން، މަދިރި ގޭތެރެއަށް ވަނުން މަދުކުރުމަށް ކުޑަދޮރު އަދި ޖާލިފަދަ ތަންތަނުގައި މަދިރި ދާ ޖެހުމަށް އެދިފައިވެއެވެ. އީޑީސް މަދިރި އެންމެ ގިނަވަނީ ހެނދުނުގެ ވަގުތުތަކުގައި ކަމަށްވިޔަސް، ހުރިހާ މަދިރިއެއް ވެސް ދުވާލުގެ ވަގުތުތަކުގައި ގިނަވާތީ، ހުރިހާ ވަގުތެއްގައި ވެސް ވީހާ ބޮޑަށް ހަށިގަނޑު ނިވާކުރުމަށް ސަމާލުކަން ދިނުމަށް އެ އެޖެންސީން ވަނީ ހަނދާންކޮށްދީފައެވެ.

ޑެންގީއިން ސަލާމަތްވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަކީ މަދިރި އާލާވާ ތަންތަން ނައްތާލުމެވެ. އީޑީސް މަދިރި އާލާވަނީ ސާފު ފެން ހަރުލާ ކޮންމެ ތަނެއްގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. ގެއާއި ގޯތިތެރޭގައި ފެން ހަރުލާހެން ހުންނަ ތަންތަނާއި ތަކެތި ހަފުތާއަކު އެއް ފަހަރު ސާފުކުރުމަށް އެދިފައިވާއިރު، ގަސްމުށްޓާއި ތާންގީ ފަދަ ތަކެތި ފެން ނޭޅޭނެހެން ބަންޑުން ޖެހުމަށް ނުވަތަ މަތި އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މަދިރި ބިސް ހަލާކުނުވެ ހަ މަސް ވަންދެން ހުންނާތީ، ފެން ހުސްކުރުމަށްފަހު ވެސް މިފަދަ ތަކެތި ރަނގަޅަށް ސާފުކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.