ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، އެމެރިކާއިން އީރާނަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށާއި، އީރާނާއި ލުބުނާނުގައި ކުރަމުންދާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އައުމަށް އީރާނުން އެމެރިކާއަށް އެއް މަސްދުވަހުގެ މުހުލަތެއް ދީފިއެވެ.
އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މުހުލަތު ދީފައިވަނީ އީރާނުން އެމެރިކާއަށް ހުށަހެޅި އާ ހުށަހެޅުމެއްގައެވެ.
އީރާނުން ވޮޝިންޓަނަށް ބުރާސްފަތި ދުވަހު ހުށަހެޅި 14 ނުކުތާގެ މި އިސްލާހީ ހުށަހެޅުމުގައި، ކަނޑުގެ ދަތުރުފަތުރުގެ މިނިވަންކަމާއި، ބްލޮކޭޑް އުވާލުމާއި، އަދި ދެ ފަރާތުގެ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އައުމަށް ހަރުކަށި އެއް މަސްދުވަހުގެ ތާވަލެއް ކަނޑައަޅާފައިވެއެވެ. މި ލިޔުމާ ބެހޭ މައުލޫމާތު ލިބިފައިވާ ދެ މަސްދަރަކުން މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހުށަހެޅުމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުން ގޯސްކޮށް ކަމެއް ކޮށްފިނަމަ އާ ހަމަލާތަކެއް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އެމީހުން ގޯސްކޮށް އުޅޭނަމަ، ނުވަތަ ނުބައި ކަމެއް ކޮށްފިނަމަ، އެކަމަކު މިވަގުތު އަދި ބަލާލަމާ ހިނގާ. އެއީ ވެދާނެ ކަމެއް،" ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުގެ ހުށަހެޅުމުގައިވާ ގޮތުން، ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އިތުރު އެއް މަސްދުވަހުގެ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހިމަނާފައެވެ. ރައީސް ޓްރަމްޕް ކުރިން މި ހުށަހެޅުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވި ނަމަވެސް، ފަހުން ވިދާޅުވީ ފްލައިޓްގައި އިންނަވައިގެން އެ ލިޔުން ދިރާސާ ކުރައްވާނެ ކަމަށެވެ.
ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން ޓްރަމްޕް ވަނީ ޓްރޫތް ސޯޝަލްގައި މިއަށްވުރެ ހަރުކަށި ބަހުރުވައެއް ބޭނުންކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއީ ބަލައިގަނެވޭނެ ހުށަހެޅުމެއް ކަމަށް ބުނަން ދަތި ކަމަށާއި، ''ވޭތުވެދިޔަ 47 އަހަރު ދުނިޔެއަށް ދިން ގެއްލުންތަކަށް'' އީރާނުން އަދި އެކަށީގެންވާ އަދަބެއް ލިބިފައިނުވާ ކަމަށެވެ.
މީގެ އިތުރުން، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ބްލޮކޭޑަކީ "ވަރަށް އެކުވެރި" އަދި އެއްވެސް ދެކޮޅުވެރިކަމެއް ނެތް ފިޔަވަޅެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވިއެވެ. އަދި މިއީ ހަނގުރާމަވެރި އަމަލުތައް ނިމުމަކަށް އައިސްފައިވާ ކަމަށް އޭނާ ކުރައްވާ ދައުވާއާ ފުށުއަރާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!