އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އިސްކޮށް ހުންނަވައިގެން މަތީ ފަންތީގެ ވަފުދެއް ހުކުރު ދުވަހުގެ ރޭ ޕާކިސްތާނުގެ އިސްލާމްއާބާދަށް ވަޑައިގަންނަވާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މި ދަތުރުފުޅަކީ ޕާކިސްތާނުގެ އާމީ ޗީފް އާސިމް މުނީރާއި އީރާނުގެ އިސް އޮފިޝަލުންނާ ދެމެދު ފޯނުން ކުރެވުނު މުހިންމު މަޝްވަރާތަކަކަށް ފަހު ކުރަށްވާ ދަތުރުފުޅެކެވެ.
ޕާކިސްތާނުގެ އޭއާރުވައި ނިއުސްގެ ޗެއާމަން ކާމްރާން ޚާން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އާމީ ޗީފް މުނީރާއެކު ކުރެވުނު ‘ފުން’ މަޝްވަރާތަކަކަށް ފަހު އީރާނުގެ ވަފުދު މިރޭ އިސްލާމްއާބާދަށް ވާސިލުވާނެ ކަމަށެވެ. މީގެ އިތުރުން، އިސްލާމްއާބާދުގައި ކުރިއަށްދާ އެމެރިކާ އާއި އީރާނުގެ މަޝްވަރާތަކުގައި ބޮޑު ކުރިއެރުމެއް ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
އީރާނުގެ ދައުލަތުގެ ނިއުސް އެޖެންސީން ބުނި ގޮތުގައި، ޚާރިޖީ ވަޒީރު އަރާގްޗީ މިއަދުގެ ކުރީކޮޅު ވަނީ ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގް ދާރާ ވެސް ފޯނުން ވާހަކަދައްކަވާފައެވެ. މި ފޯނު ކޯލުގައި ދެ ބޭފުޅުން ވަނީ ސަރަހައްދީ މައްސަލަތަކާއި، ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅަށް ފަހު، އަރާގްޗީ އޮމާން އަދި ރަޝިޔާއަށް ޒިޔާރަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަނޑިވަޅަކީ ސަރަހައްދީ މަޝްރަހު ނުތަނަވަސްވެފައިވާ ވަގުތެއްކަން ފާހަގަކުރައްވަމުން، ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ ވިދާޅުވީ "ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަކީ ދުނިޔެއަށް ވަރަށް މުހިންމު ކަމެއް" ކަމަށެވެ. ހުޅަނގު އޭޝިއާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ކަނޑުއޮޅި ވަނީ ގިނަ އުޅަނދުފަހަރަށް ބަންދުކޮށްފައެވެ. ހަމައެއާއެކު، އީރާނާއެކު އޮތް އިތުބާރު އަލުން އުފެއްދުމަށް ޒަމާންތަކެއް ނަގާނެ ކަމަށް ޔޫއޭއީގެ އޮފިޝަލުން ވިދާޅުވެފައިވެއެވެ.
އަނެއްކޮޅުން، އެމެރިކާގެ ލޮޖިސްޓިކްސް އަދި ސަލާމަތީ ޓީމެއް މިހާރު ވެސް އިސްލާމްއާބާދުގައި އެބަތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާއިން ހިފެހެއްޓި އީރާނުގެ އުޅަނދަކީ ޗައިނާގެ ހަދިޔާއެއް ކަމަށް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ތުހުމަތު ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ހަރުކަށިކޮށް ދޮގުކޮށްފައެވެ. ޗައިނާގެ ތަރުޖަމާނު ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!