ހއ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށްލަފާކޮށް އެ ސަރަހައްދުތަކަށް މޫސުމީ ސަމާލުގެ ހުދު ސަމާލު މިއަދު ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދު ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން މި ސަރަހައްދުތަކަށް މި ސަމާލު ނެރެފައި ވަނީ ހެނދުނު 7:15 އިން ފެށިގެން މެންދުރު ފަހު 13:00 އާއި ހަމައަށެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައިވާއިރު، މިއަދުން ފެށިގެން ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެކަމަށް މެޓް އޮފީހުން އިއްޔެ ވަނީ ބުނެފައެވެ.
މެޓް އޮފީހުން ވަނީ މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކޮށް، ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރަށް ވިއްސާރަވާނެކަމަށް ބުނެފައެވެ. އަދި ދެކުނަށްވެސް ކެރީގެ އަސަރު ކުރާނެކަމަށް ބުނެފަވެއެވެ. ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ވިއްސާރަނަމަވެސް، ވައި މަޑުވެފައި ކަނޑުތައްވެސް މަޑުވާކަމަށާއި، ނަމަވެސް ވިލާގަނޑުގައި ވަޔާއި ކަނޑު ގަދަވުން އެކަށީގެންވާކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. މިގޮތުން އާއްމުގޮތެއްގައި 3 މެލާ 15 މޭލާ ދެމެދުގެ ބާރުމިނުއި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި 30 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އަދި މި ތިން ދުވަހު ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ގުގުރުމުގެ އަސަރު ކުރާނެކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!