ސަރުކާރުގެ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، ފަރުހަތު މިއަދު މަގާމުން އިސްތިއުފާދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ އިސްތިއުފާ ގަބޫލުކޮށް އޭނާ މިއަދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ފަރުހަތު މިފްކޯގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
ފަރުހަތު މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، މިފްކޯއިން ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރަން ނިންމި ނިންމުން މިދިޔަ ހަފުތާގައި ބަދަލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އޭނާ މި މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. ވިޓާލީ ލުބިމޯވް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ފަރުހަތު ޝަހީރަކީ މީގެ ކުރިން ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ސިފައިންގޭގެ ވައިސް ޗީފްގެ މަގާމުގައި ހުންނެވުމަށްފަހު، ފަރުހަތު ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ 29 ފެބްރުއަރީ 2012 ގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!