ހއ.ދިއްދޫ ނުވަތަ ތިލަ އުތުރު ދިއްދޫއަކީ ތިލަދުންމަތީ އުތުރުބުރީގެ އެންމެ އުތުރުން އަތޮޅުގެ މެދުތެރޭގައި އޮންނަ ރަށެކެވެ. މިރަށް އިހަވަންދިއްޕޮޅާ ވަކިކޮށްލަނީ ރަށުގެ އުތުރު ފަރާތުން ގައްލަންދޫއާއި ދެމެދުން އޮންނަ ގައްލަންދޫ ކަނޑު އޮޅިއެވެ. އަތޮޅުގެ އެހެން ރަށްރަށުގެ ނިސްބަތުން ދިއްދުއަކީ ބިމުގެ ގޮތުން އެހާ ބޮޑުރަށެއްނޫނެވެ.

ހަނި ދިގުކޮށް އޮންނަ މިރަށުގެ ފުޅާ މިނުގައި 0.35 ކިލޯމީޓަރު ހުންނަ އިރު ރަށުގެ ދިގުމިނުގައި ގާތްގަނޑަކަށް 2 ކިލޯމީޓަރ ހުންނާނެ ކަމަށް ލަފާކުރެވެއެވެ. ދާދިފަހަކާ ޖެހެންދެންވެސް ދިއްދޫއަކީ ފަޅުރަށެކެވެ. އާދެ މިދަންނަވާލީ މީގެ 200 އެށްހާ އަހަރު ކުރީގެ ވާހަކައެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި މީގެ ހާހެއްހާ އަހަރު ކުރީންވެސް އަންނަނީ މީހުން އުޅެމުންނެވެ. މި ބީދައިން ބަލައިފި ކަމުގައިވާ ނަމަ ދިއްދޫ ހިމެނޭނީ ފަހުން އާބާދުވި ރަށްރަށުގެ ލިސްޓުގައެވެ. ތިލަ އުތުރު ދިއްދޫ އަކީ ކުރު ނަމަވެސް މުއްސަނދި ތާރީޚެއް ލިބިގެންވާ ރަށެކެވެ.

Ad
rt

ދިއްދޫ މީހުންނަކީ ކުރިން ހއ.ދޮނަކުޅީގައި އުޅުނު މީހުންނެވެ. ދިއްދޫގެ ދަރިފަސްކޮޅުގެ އަސްލަކީ އެއީއެވެ. ދިވެހި ތާރީޚު ހެކިދޭ ގޮތުގައި މީލާދީން 17 ވަނަ ޤަރުނުގެ މެދަކާ ހިސާބަށްވެސް ދޮނަކުޅީގައި ވަނީ މީހުން ދިރިއުޅެމުން އައިސްފައެވެ. މި ދެންނެވި ތާރީޚާއި ހަމައަށް މެދުކެނޑުމެއްނެތި ދެކުނު އިންޑިޔާގެ ރާޖާއިންނާއި މަލާބާރިން ރާއްޖޭގެ އެކިރަށްރަށަށް ހަމަލާދީ ރަށްރަށް ލޫޓުވައި އެރަށްރަށުގެ މީހުން މަރަމުންދިޔަކަން ރާއްޖޭގެ ތާރީޚުން އެނގެއެވެ. މިމީހުން ރާއްޖެއައިސް އެމީހުންގެ މައި މަރުކަޒަކަށް ހެދީ ދޮނަކުޅީގެ ބަނދަރާއި އެރަށެވެ.

އޭގެ އިތުރުން އޭރު ރާއްޖޭގެ ބައެއްގެ ގޮތުގައި ހިމެނޭ މަލިކެވެ. ދޮނަކުޅިއަކީ ފަޅުފުން އަދި ބަނދަރުކުރަން ފަސޭހަ ރަށަކަށް ވުމުން އެމީހުންގެ ހަމަލާތަށް އެންމެ ގިނައިން އަމާޒުވެފައިވަނީ ދޮނަކުޅިއަށެވެ. މިދެންނެވި ސަބަބާ ހެދި އޭރު ދޮނަކުޅީގައި ވަޒަންވެރިވެގެން އުޅުނު މީހުން އެރަށުން ފޭބިއެވެ.

މުޙައްމަދު އިބްރާހިމް ލުޠުފީ ލިޔުއްވި ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު 1 އަދި 2 ގައި ބަޔާންކޮށްފައިވާގޮތުން ތިލަދުންމަތި އަތޮޅުގެ އުތުރު ދުނީގައި އޮތްކޮންމެ ރަށަކީވެސް ގިރަމުން ވޮޑެމުން ދާރަށްރަށެވެ. މި ދުނީގެ އުތުރުގައި ކުރިންއޮތް ތިލަދޫގެ އުތުރުކޮޅު ގިރައިގެންގޮސް ދެކުނުކޮޅު އޮތީ ދިއްދުއާއި ގުޅި އެއްފަސްގަނޑަކަށްވެފައެވެ.

ދިއްދޫގެ އުތުރު އަވަށަކީ ތިލަދޫގެ ދެކުނު ބައެވެ. 1889 ހިސާބުގައި އެދެރަށް ގުޅި، ގުޅުނު ހިސާބުގައި ގަސްފަޅައި ހެދެންފަށައި ބޮޑުރަށަކަށްވީއެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް އަތޮޅު ކަމުގައިވާ ތިލަދުންމަތީގެ ނަން ނިސްބަތްވެގެންވަނީ ހއ.ދިއްދޫއާއި މިހާރު ގުޅިފައިވާ ތިލަދޫއަށެވެ. މިހާރު ތިލަދޫގެ ސަރަހައްދޭ ބުނެވެނީ ދިއްދޫގެ ކާޑުގޭ މަގު ނުވަތަ ރަށްދެބައި މަގުން އުތުރަށެވެ.

ދޮނަކުޅިން ފޭބިމީހުން ފުރަތަމަ ދިޔައީ ހޮނޑާފުށްޓަށެވެ. ހޮނޑާފުށްޓަކީ މިހާރު ހދ.އަތޮޅުގެ ރަށެކެވެ. އޭރު ތިލަދޫއާއި ދިއްދޫ ވަކިން ދެރަށުގެ ގޮތުގައި އޮންނާތީ އޭގެތެރެއިން އެއްރަށަކީވެސް ދިރިއުޅުމަށް އެކަށީގެންވާ ފަދަ ބިމެއް އޮތް ރަށެއް ނޫނެވެ. މީލާދީން 18 ވަނަ ޤަރުނާ ހަމައަށް އައިއިރުވެސް މިދެރަށް އޮތީ ވަކި ދެރަށުގެ ގޮތުގައެވެ. ނަމަވެސް ފަހުން ( ތިލަދޫ އާއި ދިއްދޫ ) މިދެރަށް އެކުވެ އެއްރަށަކަށްވުމުން ހޮނޑާފުށި ދޫކޮށް ( ދޮނަކުޅިން އެރަށަށް ދިޔަމީހުން) ދިއްދޫއަށް އައީއެވެ. ދިއްދޫ އޮންނަނީ ދޮނަކުޅިއާއި ވަރަށް ކައިރީގައެވެ.

ނަމަވެސް އޭރު ދިއްދޫއަކީ ވަރުވާއަށް އުތީމު ގަނޑުވަރަށް ނަގާފައިވާ ރަށެކެވެ. އަދި މިރަށުގައި ރުށްއަރާ ރަށް ބަލަހައްޓަމުން އައީ ގަނޑުވަރުންނެވެ. އަދި ދާދި ފަހަކާއި ޖެހެންދެންވެސް އުތީމު ރުއްގަނޑޭ ކިޔާ ރުއްގަނޑެއް ދިއްދޫގައި އޮތެވެ. އޭރު ދިއްދޫގެ މީހުން ދިއްދޫގައި އުޅެންޖެހުނީ އުތީމު ގަނޑުވަރަށް ޖިޒީ ދައްކައިގެންނެވެ. އެގޮތުން ކޮންމެ މަހަކު ގެއަކުން ބޮޑު އަދަދެއް ޖިޒީގެ ގޮތުގައި ނެގިއެވެ. އަދި ޖިޒީ ނުދީފިނަމަ ކަންފަތުލާ މުންޖާއި ފައްޓަރުބައި ފަދަ އަގުބޮޑެތި އެއްޗެހި އަތުލާނެ ކަމުގެ ބިރު ދައްކައިހެދިއެވެ.

ދިއްދޫ ބަންޑާރަވީ އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރުގެ ރަސްކަމުގައި 20 ޝައްވާލް 1351 އަހަރުގައެވެ. ދިއްދޫ ބަންޑާރަވި ޤާނޫނޫގައި "ތިލަދުންމަތީ ދިއްދޫ ފަޅުރަށަކަށްއޮއްވައި، އުތީމު މިސްކިތްމައްޗަށް ލެއްވުމަށްފަހު އެތައް ޒަމާނަކަށްފަހުން އެދިއްދޫ، މީހުންއުޅޭ ރަށަކަށްވެ އިމާރާތްވުމަށްފަހުގައި، އެރަށުގެ މީހުންނާއި އުތީމު މީހުންނާއިވާ އަރައިރުންތަކާމެދުގައި، ޤާނޫނުހަދާ މަޖިލިސްގައި ވާހަކަދެކެވިގެން، އެދެރަށު މީހުންގެ ކަންތައްތަކާއިމެދުގައި އިހުރަސްރަސްކަލުން ދެއްވާފައިވާ ފަތްކޮޅުތައް ބަލައި، އެއިން ފެނުނު ގޮތްތަކާއިއެކު ފާސްވީމަގީ މިއެވެ" މިފަދައިން ލިޔެފައިވެއެވެ. ކޮންމެއަކަސް ދިއްދޫ ބަންޑާރަވި ޤާނޫނަކީ ޙާއްސަ ޤާނޫނެކެވެ. މިއީ ދިވެހިރާއްޖޭގައި ފުރަތަމަ އެކުލަވާލެވުނު ޤާނޫނު އަސާސީއާއި ގުޅިގެން، އަލަށް ހެދި ޤާނޫނުތަކު ތެރޭގައި ހިމެނޭ ޤާނޫނެކެވެ. އަދި ދިވެހި ތާރީޙުގައި ޤާނޫނަކުން ބަންޑާރަކުރި ހަމައެކަނި ރަށަކީވެސް ދިއްދޫއެވެ.

އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައި ދިއްދޫގައި ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި މުޅިރަށްހެން އަނދައިހުލިވިއެވެ.

(ނުނިމޭ)

(ނިމުނީ)