ޤައުމަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް، އެއްވެސް ލިމިޓެއް ނެތި ލޯނުގެ ފުރުސަތު ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރުއެވެ.
މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ކޮންމެ އަހަރަކު ދޫކުރާ ލޯނުގެ މަދުވެގެން 50 އިންސައްތައަކީ ޓެކްނިކަލް ދާއިރާތަކަށް ޚާއްސަ ކުރެވިފައިވާ ލޯނުތަކެއް ކަމުގައި ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ.
ލޯނު ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް
ލޯނު ދޫކުރުމުގެ ނިޒާމަށް ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ، ލޯނަށް އެދި ހުށަހެޅުމަށް ވަކި ސުންގަޑިއެއް ނޯންނާނެ ގޮތަށް ހަމަޖެއްސުމެވެ. މީގެ ސަބަބުން ދަރިވަރުންނަށް ކޮންމެ ވަގުތަކުވެސް އެޕްލިކޭޝަން ހުށަހެޅޭނެ މަގު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ކުރިން އޮތް "އަލަށް ކިޔަވާ ކުދިން" އަދި "ކިޔަވަމުންދާ ކުދިން" ގެ ކެޓަގަރީތައް މިހާރު ވަނީ އުވާލާފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށެވެ. އަދި މި ސްޓޫޑެންޓް ލޯނަކީ ޝަރީޢާ ކޮމްޕްލަޔަންޓް، އެއްވެސް އިންޓްރެސްޓެއް ނުނަގާނެ އެއްޗެއްގެ ގޮތުގައި މިހާރު ވަނީ ހަމަޖައްސާފައެވެ.
ދަރިވަރުންގެ އިނާޔަތްތައް މުރާޖާކުރުން
ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އެ ދަރިވަރުންނަށް ދޭ ސްޓައިޕެންޑް ނުވަތަ ޖީބު ފައިސާގެ އުސޫލުތައް މުރާޖާކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބަދަލުތަކަކީ ރާއްޖެއަށް ބޭނުންވާ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!