ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ތަކުގެ އިންތިޚާބުގައި ހދ. ހަނިމާދޫ ރަށު ކައުންސިލަށާއި، ޑަބްލިޔުޑީސީ އަށް ވާދަކުރާ ޕީއެންސީގެ ޓީމު ނުކުތީ ރަށަށް ތަރައްގީ ހޯދައިދިނުމަށް ސަރުކާރާއި ގުޅިގެން ވަރުބަލިކަމެއްނެތި މަސައްކަތްކުރުމަށްކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސްކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ޝަމީމް ރޭ ވިދާޅުވެއްޖެއެވެ.

ރޭ ވަނީ ހަނިމާދޫ ޕީއެންސީ ޖަގަހަ ހުޅުވާފައެވެ. މިޖަގަހަ ހުޅުއްވައިދެއްވީ ޕީއެންސީގެ ޕީޖީގެ ޑެޕިއުޓީ ލީޑަރު، ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލެވެ. މި ޖަގަހަ ހުޅުވުމަށްފަހު ވަނީ ކެމްޕޭން ޖަލްސާއެއް ކުރިއަށް ގެންގޮސްފައެވެ.

Ad
rt

މި ޖަލްސާގައި ވާހަކަދައްކަމުން ޝަމީމް ވިދާޅުވީ، ހަނިމާދޫއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި އެރަށެއްގެ ނަން ލިޔެވިފައިވާ، ރާއްޖޭގެ ހަތް ސަރަހައްދެއް އާރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރުމުގައި އުތުރުގެ ސެންޓަރުގައި ހިމެނޭ މުހިންމު ރަށެއްކަމަށެވެ.

އެ އާބަން ސެންޓަރުތައް ތަރައްގީ ކުރަން ނިންމާފައި ވަނީ މާލެއާއި އެއް ފެންވަރަށް ނުވަތަ އެއަށްވުރެ ވެސް ރަނގަޅަށް ޚިދުމަތްތައް ލިބޭނެ ސަރަހައްދުތަކެއްގެ ގޮތުގައި ކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ. އުތުރުގެ އާބަން ސެންޓަރުގެ ގޮތުގައި ހއ. ހޯރަފުއްޓާއި، ހަނިމާދޫ އަދި ކުޅުދުއްފުށީ ސިޓީ ހިމެނިފައިވާއިރު، ހަނިމާދޫއަކީ މި ސަރުކާރުގެ ތަރައްގީގެ މުހިންމު ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށެއްކަމަށް ޝަމީމް ވިދާޅުވިއެވެ.\

''އަޅުގަނޑުމެން މި ޓީމު ނުކުމެ މިތިބީ މިރަށަށް ރައީސް ޑރ. މުޢިއްޒު ގެނެސްދެއްވަން ނިންމަވާފައިވާ ތަރައްގީ ގެނެސްދިނުމަށް އެހީތެރިކަންދޭނެ މަދަދުދޭނެ ބަޔެއްގެ ގޮތުގައި، އެތަރައްގީ ގެނެސްދިނުމުގައި ވަރުބަލިކަމެއްނެތި ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއިއެކު ރައްޔިތުން ބޭނުންވާގޮތައް ކަންކަން ނިންމާނެ ބަޔެއްގެ ގޮތުގައި، ރައްޔިތުން އެ ފުރުސަތު ދެއްވައިފިނަމަ މި ޓީމު ވެގެންދާނީ ރަށުގެ ތަރައްގީއަށް ސަރުކާރާއި ގުޅިގެން ރައްޔިތުން އެދޭގޮތަށް ޚިދުމަތްކުރާނެ ޓީމަކަށް'' ޝަމީމް ވިދާޅުވެފަވެއެވެ.

ޝަމީމްގެ ވާހަކާގައި ވަނީ މި ސަރުކާރުގެ ވޭތުވި ދެ އަހަރާއި ބައިގެ ތެރޭގައި ވެސް ހަނިމާދޫ އަކީ މި ސަރުކާރުގެ ތަރައްގީގެ ޗާޓުގައި ކުރީގައިވާ ރަށެއްކަން އެނގިގެންދާ ކަންކަން މިސާލާއެކު ވިދާޅުވެފައެވެ. އެގޮތުން ހަނިމާދޫ އަކީ ހދ.އަތޮޅުން އެސްޓީއޯ ރޭޓްގައި ޔެތޮ ލިބޭނެ މަގު ފަހިކޮށްދިން ފުރަތަމަ ރަށްކަމަށާއި، ރަށުން އައިޑީކާޑާއި، ޕާސްޕޯޓާއި، އެއްގަމު ލައިސަންސް ނެގޭނެ ގޮތާއި، އޭޓީއެމާއި، ޑޮަލަރު އޭޓީއެމްގެ ޚިދުމަތް ލިބޭނެގޮތް ހަދައިދީފައިވާކަން ޝަމީމް ފާހަގަކުރެއްވިއެވެ. އަދި ރަށުގެ އެއާޕޯޓުން ބޭރަށް ފުރާ މީހުންނަށް ބޭރަށް ފުރާއިރު، ވެލާނާ އެއާޕޯޓެކޭ އެއްގޮތަށް ޑޮލަރު ނެގޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާކަން ޝަމީމް ވަނީ ފާހަގަކުރަށްވާފައެވެ.

މީގެ އިތުރުން ރަށުގެ ސިއްޚީ މަރުކަޒުން އަންހެނުންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތާއި، ކުޑަކުދިންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތާއި އަދި އެތެރެ ހަށީގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ލިބޭނެގޮތް ސަރުކާރުން ހަމަޖައްސައިދީފައިވާކަން ޝަމީމް ފާހަގަކުރެއްވިއެވެ.

ޝަމީމްގެ ވާހަކާގައި ވަނީ ހަނިމާދޫ ސިއްހީ މަރުކަޒު އެކްޓެންޝަންގެ އަމަލީ މަސައްކަތާއި، ހޮސްޕިޓަލްގެ މަސައްކަތާއި، ހަނިމާދޫގައި އަޅާ ހދ.އަތޮޅު ޕޮލިސް އިމާރާތާއި، ހަނިމާދޫ ސްޕޯޓްސް ކޮމްޕެލްސްގެ މަސައްކަތް އެކި މަރުހަލާތަކުގައި ހިނގަމުންދާކަން ވެސް ފާހަގަކުރަށްވާފައެވެ.