ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް މެދުކެނޑުމެއްނެތި އެތެރެކުރެވެމުންދާ ކަމަށާއި، އެ ތަކެތީގެ އަގުތައްވެސް އެއް ހަމައެއްގައި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ކާޑުގެ ދަތިކަމެއް ނެތި ކުރީގައިވެސް އޮތްގޮތަށް ހަނޑޫ، ހަކުރު، އަދި ފުށް އެތެރެކުރެވި، ސްޓޮކް ބެލެހެއްޓެމުންދާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ކާޑުގެ ބާވަތްތަކުގެ އަގުތައްވެސް އެއް ހަމައެއްގައި ހިފެހެއްޓޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
rt

ފުޑް ސެކިއުރިޓީ ވަރުގަދަކުރުމުގެ މަސައްކަތް

ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދުމާއި ފުޑް ސެކިއުރިޓީ ސިޔާސަތު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގައި އުފެއްދޭނެ ކާބޯތަކެތީގެ ބާވަތްތައް އުފެއްދުމަށް އިންވެސްޓްކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ޚާއްސަ އިނާޔަތްތަކެއް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

"މިކަމުގައި އިންސެންޓިވްތައް ދީގެން ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް އިންވެސްޓްކުރުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކަށް ޚާއްސަ އިނާޔަތްތަކެއް ދިނުމުގެ ވިސްނުން ގެންގުޅެން،" ރައީސް ވިދާޅުވިއެވެ.

މި ދާއިރާއިން އިންވެސްޓްކުރާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ލުއިތަކުގެ ތެރޭގައި ހިލޭ ބިން ދިނުމާއި، ޓެކުހަށް ލުއި ދިނުން ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ބޭރުގެ ގައުމުތަކަށް ބަރާސާވާ މިންވަރު ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.