ލުބްނާނު މީހެއްކަމަށް ހީކޮށް އިސްރާއީލު ސިފައިން އެ ގައުމުގެ މީހެއްގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.

މިކަން ހިނގުމުން އިސްރާއީލު އަސްކަރިއްޔާއިން ބުނެފައި ވަނީ އެއީ '' އަސްކަރިއްޔާއަށް އޮޅިގެން ދެވުނު ހަމަލާއެއް'' ކަމަށް ބުނެފައެވެ.

Ad
rt

މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަސް، 22 މާރިޗު 2026 ގައި އިސްރާއީލުގެ އުތުރު ބޯޑަރު ކައިރީގައި އޮންނަ މިސްގަވް އާމް ސަރަހައްދުގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކުގެ ތެރޭގައެވެ.

އިސްރާއީލުގެ އަސްކަރިއްޔާ (އައި.ޑީ.އެފް) އިން ރަސްމީކޮށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 60 އަހަރުގެ ދަނޑުވެރިއެއް ކަމަށްވާ އިސްރާއީލަށް ނިސްބަތްވާ އޯފާ މޮސްކޮވިޓްޒް އެވެ. އޭނާ މަރުވީ އިސްރާއީލު ސިފައިން ފޮނުވާލި އާޓިލަރީ އުންޑަތަކެއް އަމާޒުވެގެން ކަމަށް އަސްކަރިއްޔާގެ ތަހުގީގުން މިހާރު ވަނީ ހާމަވެފައެވެ.

އައި.ޑީ.އެފްގެ އެތެރޭގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުން، ''މި ހާދިސާ ހިނގަން މެދުވެރިވީ ހިންގުމުގެ ތެރޭގައި ހެދުނު ސީރިއަސް ގޯސްތަކެއްގެ'' ސަބަބުންނެވެ.

ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައި.ޑީ.އެފްގެ ޔުނިޓަކުން މަސައްކަތް ކުރަނިކޮށް، ނުބައި އޭންގަލަކަށް ފަސް އާޓިލަރީ އުންޑަ ފޮނުވާލެވުނީކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

ބޯޑަރުން ބޭރުގައިވާ ހިޒްﷲގެ އަމާޒުތަކަށް ހަމަލާދިނުމުގެ ބަދަލުގައި، މި އުންޑަތައް އެރީ އިސްރާއީލުގެ ސަރަހައްދުގެ ތެރޭގައިވާ މިސްގަވް އާމްގެ އުސް ބިމަށެވެ.

އިސްރާއީލުގެ ނޮދަން ކޮމާންޑްގެ ވެރިޔާ މޭޖަރ ޖެނެރަލް ރަފީ މިލޯ މި ހާދިސާއަކީ ވަރަށް ސީރިއަސް ހާދިސާއެއް ގޮތުގައި ސިފަކޮށް، ހަމަލާ ރޭވުމާއި ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކަށް ތަބާވެފައިނުވާކަން ފާހަަގަކޮށްފަވެއެވެ.

"މޮސްކޮވިޓްޒް މަރުވީ، އޭނާ ހިމެނޭހެން އެންމެން ރައްކާތެރިކުރުމުގެ މަގްސަދުގައި ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި، އަހަރެމެންގެ އަމިއްލަ ސިފައިންގެ ހަމަލާއަކުން،" އޭނާ ބުންޏެވެ.

އައި.ޑީ.އެފް އިން ވަނީ މޮސްކޮވިޓްޒްގެ އާއިލާއަށާއި މިސްގަވް އާމްގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުވާފައެވެ. އަދި މި ހާދިސާގެ ތަހުގީގު ފުރިހަމަ ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންގޮސް، ކަންކަން ހާމަކުރާނެ ކަމަށް އަސްކަރިއްޔާއިން ވަނީ ވައުދުވެފައެވެ.