އީރާނާއެކު މިހާރު ހިނގަމުންދާ ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކުގައި މަރުވި އެމެރިކާ ސިފައިންގެ ރަސްމީ އަދަދު 13 އަށް އަރާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއު.އެސް.ޖޭ) އިން ރިޕޯޓްކޮށްފިއެވެ.
14 މާރިޗު 2026 އާ ހަމައަށް ހިިިިިިސާބުތައް ދައްކާގޮތުން، މި ހަނގުރާމައިގައި އެމެރިކާގެ 10 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، 200 އަށްވުރެ ގިނަ ސިފައިން ވަނީ ޒަޚަމްވެފައެވެ.
ޕެންޓަގަން އާއި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ހަނގުރާމަ ފެށުނުތާ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ހިނގި އެކި ހާދިސާތަކުގައި މަރުވި ސިފައިންގެ ތަފްސީލަކީ:
12 މާރިޗުގައި އިރާގުގެ ހުޅަނގު ސަރަހައްދުގައި އެމެރިކާގެ ކޭ.ސީ-135 މަރުކާގެ މަތިންދާބޯޓެއް ވެއްޓި މަރުވި ފަޅުވެރިންގެ 6 މީހުން.
1 މާރިޗުގައި ކުވައިތުގެ ޕޯޓް ޝުއައިބާއަށް ދިން ޑްރޯން ހަމަލާއެއްގައި މަރުވި 6 ސިފައިން.
ސައުދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ދިން ހަމަލާއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް މަރުވި ސާޖަންޓް ބެންޖަމިން ޕެނިންގްޓަން.
މީގެ އިތުރުން، ޒަޚަމްވި 200 އެއްހާ މީހުންގެ ތެރެއިން ގިނަ މީހުންނަށް އަނިޔާވެފައިވަނީ ގޮވުންތަކުގެ ސަބަބުން ބޮލަށް ލިބުނު ގެއްލުންތަކާއި (TBI) ފްރެގްމެންޓްތައް ހަށިގަނޑަށް ވަނުމުގެ ސަބަބުންނެވެ. ޕެންޓަގަނުން ބުނާ ގޮތުގައި މީގެ ތެރެއިން 108 މީހަކު މިހާރު ވަނީ އަލުން ޚިދުމަތަށް ނުކުތުމަށް ހުއްދަ ދީފައެވެ.
އަސްކަރީ ގޮތުން ބަލާއިރު، އެމެރިކާއިން ދަނީ އެ ސަރަހައްދުގައި ބާރުގަދަކުރަމުންނެވެ. އެގޮތުން 2,500 ސިފައިން ހިމެނޭ 31 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓް (އެމް.އީ.ޔޫ) "ޔޫ.އެސް.އެސް ޓްރިޕޮލީ" މަނަވަރުގައި މެދުއިރުމައްޗަށް ދިއުމަށް މިހާރު ވަނީ އަމުރުކޮށްފައެވެ. ރައީސް ޓްރަމްޕް ވަނީ އީރާނުގެ ތެޔޮ ބޭރުކުރާ މައި މަރުކަޒު ކަމަށްވާ ޚާރްގް އައިލެންޑްގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީ "ފުނޑުފުނޑުކޮށްލާފައިވާ" ކަމަށް ވިދާޅުވެފައެވެ. އަދި ހޯމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނަ އޮތުން ކުރިއަށްދާނަމަ، ދެން އަމާޒުކުރާނީ އެގައުމުގެ ހަކަތައިގެ ވަސީލަތްތަކަށް ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
ހޯމޫޒް ކަނޑުއޮޅިން ދަތުރުކުރާ އާންމު ތެޔޮ ޓޭންކަރުތަކަށް ހަތިޔާރު އެޅި މަނަވަރުތަކުގެ ހިމާޔަތް ދިނުމަށް ސެންޓްކޮމް އިން އިތުރު މަނަވަރުތަކަށް އެދެމުންދާއިރު، އީރާނުގެ މަޖިލީހުގެ ރައީސް ވަނީ މިފަދަ ފިޔަވަޅަކަށް "އާ ހަރުފަތެއްގެ ބަދަލުހިފުމަކުން" ރައްދުދޭނެ ކަމަށް އިންޒާރު ދެއްވާފައެވެ.
މި ހަނގުރާމައިގައި އެމެރިކާ ސިފައިން މަރުވާ އަދަދު އިތުރުވަމުންދާތީ، ވޮޝިންގޓަންގެ ސިޔާސީ މައިދާނަށް ވަނީ ބޮޑު ޕްރެޝަރެއް ކުރިމަތިވެފައެވެ. ސަރުކާރުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅުނު ނަމަވެސް، ތިން ހަފުތާ ވެގެންދާއިރު މި ހަނގުރާމައިން އަރައިގަންނާނެ ސާފު "އެގްޒިޓް ސްޓްރެޓަޖީ" އެއް ނެތުމުން ކޮންގްރެސްގެ ބައެއް މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!