އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ އާއި ގުޅިގެން އީރާނުގެ އިންޒާރުތަކާއެކު، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ބޮޑު ނުތަނަވަސްކަމާ ގުޅިގެން، ރަޝިޔާގެ ތެލާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަގުތީ ލުޔެއް ދީފިއެވެ.
ޓްރަމްޕްގެ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދު އިނދަޖެހިދާނެތީ، އެކަމުން ސަލާމަތްވުމަށް އެޅި "ޢަމަލީ ފިޔަވަޅެއް"ގެ ގޮތުގައެވެ.
މި ލުއި ދިނުމުގެ މައިގަނޑު މަޤްޞަދަކީ އިންޑިއާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ރަޝިޔާގެ ތެޔޮ ގަނެ ބޭލުމުގެ ފުރުޞަތު ދިނުމެވެ. "ޖެނެރަލް ލައިސަންސް 133" ގެ ދަށުން ދޫކުރި މި ހުއްދަ އަމާޒުކޮށްފައިވަނީ "ކަނޑުމަތީގައި ތާށިވެފައިވާ ތެޔޮ" ނުވަތަ 5 މާރިޗު 2026 އާ ހަމައަށް އުޅަނދުފަހަރަށް ބަރުކޮށްފައިވާ ތެލަށެވެ. މި ހުއްދަ އަދި ދީފައި ވަނީ 30 ދުވަހުގެ މުއްދަތަށް، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހާ ހަމައަށެވެ. މީގެ މާނައަކީ މުސްތަޤުބަލުގައި އެމެރިކާ އަށް އެހެން ގޮތެއް ހަމަ ފެންނައިރަށް ރަޝިޔާއިން އުފައްދާ ތެޔޮ ގަތުމަށް އާ އެއްބަސްވުންތައް ހެދުމުގެ ފުރުޞަތު ބަންދުކުރުމުގެ ވިސްނުން އޮތުމެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، މިއީ ދާއިމީކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެއް ނޫނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ނިންމުން ނިންމަން މަޖުބޫރުވީ ދުނިޔޭގެ ތެލާއި އެލް.އެން.ޖީގެ ގާތްގަނޑަކަށް %20 ޕާޝިއަން ގަލްފުގައި ތާށިވެ، ބްރެންޓް ކްރޫޑް ތެލުގެ ފީފާއެއްގެ އަގު 120 ޑޮލަރަށް އުފުލުމުން އަގުތައް ކޮންޓްރޯލް ކުރުމަށެވެ. އަދި އީރާނުގެ ބާރު މި ދާއިރާގައި ދަށް ކުރެވޭތޯ ބެލުކީވެސް މީގެ ބޭނުމެކެވެ.
މީގެ އިތުރުން، އިންޑިއާއިން ބޭނުންވާ ތެލުގެ %40 އަކީ މިހާރު ބަންދުކޮށްފައިވާ ކަނޑުއޮޅިން އަންނަ ތެޔޮ ކަމަށްވާތީ، އެމެރިކާގެ މުހިންމު ބައިވެރިއެއްގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް މި ނިންމުމުގެ ބޮޑު ބައެކެވެ.
މި ނިންމުމާ ގުޅިގެން ރަޝިޔާގެ ކްރެމްލިންއިން ބުނެފައިވަނީ، މިއީ ހަޤީޤީ ހަކަތައިގެ ކްރައިސިސްއެއް ކުރިމަތިވުމުން ހުޅަނގުގެ ފިޔަވަޅުތަކަކީ ދެމެހެއްޓެނިވި އެއްޗެއް ނޫންކަން ހާމަވާ ކަމެއް ކަމަށެވެ. އަނެއްކޮޅުން ޔޫކްރެއިނަށް ތާއީދުކުރާ ފަރާތްތަކުން މިކަމަށް ފާޑުކިޔަމުން ބުނެފައިވަނީ، ތެލުގެ އަގު ހެޔޮކުރުމަށްޓަކައި އެމެރިކާއިން ޔޫކްރެއިންގެ ރައްޔިތުން ޤުރުބާން ކުރަނީ ކަމަށެވެ.
މި އިޢުލާނާއެކު ބާޒާރުގައި ތެލުގެ އަގު ކުޑަކޮށް ދަށަށް ދިޔަ ނަމަވެސް، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން (އައިއާރުޖީސީ) އިން ކަނޑުމަތީގެ އުޅަނދުފަހަރަށް ހަމަލާދެމުންދާހާ ހިނދަކު ބާޒާރުގެ ނުތަނަވަސްކަން ދެމިއޮންނާނެ ކަމަށް މާހިރުން ލަފާކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!