އެމެރިކާގެ ވައިގެ ސިފައިން ބޭނުންކުރާ ތެޔޮ އަޅައިދޭ ބޮޑު މަތިންދާބޯޓެއް އިރާގަށް ވެއްޓިފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ރޭ އާންމުކުރި ބަޔާނެއްގައި ބުނެފިއެވެ.

ވެއްޓިފައިވަނީ އެމެރިކާގެ ވައިގެ ސިފައިންގެ 'KC-135 ސްޓްރެޓޯޓޭންކަރ' މަރުކާގެ ބޯޓެކެވެ. ސެންޓްކޮމް އިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ''އެކުވެރި ވައިގެ'' ސަރަހައްދެއްގެ ތެރޭގައެވެ. އަދި މި ބޯޓު ވެއްޓުނީ އީރާނުގެ ހަމަލާއަކުން ނުވަތަ އޮޅުމަކުން ދެވުނު ހަމަލާއަކުން ނޫން ކަމަށްސް ބުނެފަވެއެވެ. އެހެންނަމަވެސް މި ހާދިސާ ހިނގާފައިވަނީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ 'އޮޕަރޭޝަން އެޕިކް ފިއުރީ' ގެ ތެރެއިންނެވެ.

Ad
rt

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމެއް ނުވަތަ ބޯޓު ވެއްޓެން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ.

މި ބޯޓު ވެއްޓުނީ 'އޮޕަރޭޝަން އެޕިކް ފިއުރީ' ގެ ތެރެއިން ކަމަށްވުމުން، އެއީ އީރާނުގެ ހަމަލާއަކުން ވެއްޓުނު ބޯޓެއް ކަމަށް ވުން ވެސް އެކަށީގެންވެއެވެ. ނަމަވެސް އެމެރިކާ އާއި އިސްރާއީލުން އާންމުކޮށް ކަންކުރާގޮތަށް ބަލާއިރު، އީރާނުގެ ހަމަލާއަކުން މިފަދަ ކަމެއްވީކަމަށް އެއްބަހެއް ނުވާނެއެވެ.

'ސްޓްރެޓޯޓޭންކަރ' މަރުކާގެ ބޯޓުތަކަކީ ކުއްލި ހާލަތުގައި ޕައިލެޓުންނަށް ފުންމާލެވޭނެ 'އިޖެކްޝަން ސީޓް' ހުންނަ ބޯޓުތަކަކަށް ނުވާއިރު، ސެންޓްކޮމް އިން ބުނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރުވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.

މި ބޯޓު ވެއްޓުނު ހާދިސާގައި ދެވަނަ ބޯޓެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވުނު ނަމަވެސް، އެއީ ތެޔޮ އެޅުމުގެ މަސައްކަތުގެ ތެރެއިން ހިނގި ކަމެއްކަން އަދި ކަށަވަރެއް ނުވެއެވެ. އެ ދެވަނަ ބޯޓު ސަލާމަތުން ބިމަށް ޖައްސާފައިވާ ކަމަށް ސެންޓްކޮމް އިން ބުނި ނަމަވެސް، އެއީ ކޮން މަރުކާގެ ބޯޓެއް ކަމެއް ހާމައެއް ނުކުރެއެވެ.

މިއީ 2013 ވަނަ އަހަރު ތިން ފަޅުވެރިން މަރުވި ހާދިސާއަށްފަހު، KC-135 މަރުކާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރެވެ. މިދިޔަ ހަފުތާގައި ކުވައިތު މަތިން އެމެރިކާގެ ތިން F-15 ޖެޓް އޮޅުމަކުން ދެވުނު ހަމަލާއެއްގައި ވައްޓާލާފައިވީ ނަމަވެސް، އެ ބޯޓުތަކުގެ ޕައިލެޓުން ވަނީ ސަލާމަތުން ފުންމާލާފައެވެ.

ފިޔަގަނޑުގައި 130 ފޫޓު ހުންނަ KC-135 ބޯޓުތަކަކީ ވައިގެ ތެރޭގައި އެހެން ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ މުހިންމު ވަސީލަތެވެ. މި ބޯޓުތަކަކީ ހަނގުރާމާގައި ހަމަލާތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ބޯޓުތަކަކަށް ވާތީ، އާންމުގޮތެއްގައި މި ބޯޓުތައް އޮޕަރޭޓް ކުރަނީ ނުރައްކާ ކުޑަ ސަރަހައްދުތަކުގައެވެ.

އެމެރިކާގެ ކުރީގެ ރައީސް އައިޒަންހަވަރްގެ ދައުރުގައި އުފައްދަން ފެށި މި ބޯޓުތައް މުސްކުޅިވުމުގެ ސަބަބުން، އެމެރިކާއިން މިހާރު ދަނީ މި ބޯޓުތަކުގެ ބަދަލުގައި ބޮއިންގް KC-46 ޕެގަސަސް މަރުކާގެ އާ ބޯޓުތައް ބޭނުންކުރަން ފަށަމުންނެވެ. ނަމަވެސް، އަސްކަރީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި 2050 ވަނަ އަހަރާ ހަމައަށްވެސް ސްޓްރެޓޯޓޭންކަރ ބޯޓުތައް އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރަމުންދެއެވެ.