ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ބޭފުޅުން އިއްތިފާގުވެވަޑައިގެންފައިވާ ކަމެއްކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިފަދައިން ވިދާޅުވީ ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.
ފަލާހު ވިދާޅުވީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ މައްސަލަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވުރެ ވާދަވެރިންނަށް މުހިންމުވެފައި ވާކަމަށެވެ.
ފަލާހު ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރިން އެމްޑީޕީން ތާއީދުކޮށްފައިވާކަން ހާމަކުރައްވައި، މިހާރު އެކަމާ ދެކޮޅު ހަދަނީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށްކަމަށް ވިދާޅުވެފަ އެވެ.
"ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރުންނާ ދެކެވުނު ވާހަކަތަކުގައި އެބޭފުޅުން ވިދާޅުވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރިން ތާއީދުކޮށް ދައްކާފައި ހުރި ވާހަކަތަކާއި، ހުށަހަޅާފައިވާ ލިޔުންތައް މަޖިލީހުގައި އާކައިވް ކުރެވިފައި ވާނެ ކަމަށް. އެހެންވީމަ މިއީ ރާއްޖޭގެ ހުރިހަ ސިޔާސީ ބޭފުޅުން ވެސް އިއްތިފާގުވާ ކަމެއް. އެއީ މިކަމުން ގައުމަށް ހަމަޖެހުން އައިސް ގިނަގުނަ ފައިދާތަކެއް ލިބޭތީ. " - ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ އެންމެ ބޮޑު ފައިދާއަކީ ގައުމަށް ލިބިގެންދާ ހަމަޖެހުންކަން ފާހަގަކުރައްވައި ފަތުރުވެރިކަމުގެ ސިނާއަތަށް މުޅިންހެން ބަރޯސާވެފައިވާ ކުޑަކުޑަ ގައުމެއްގައި ހަމަޖެހުން ގާއިމުވެފައި އޮތުމަކީ އިގްތިސާދީ ދުވެލި ހަރުދަނާ ކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަން ފަލާހު ފާހަގަކުރެއްވި އެވެ.
ފަލާހު ވަނީ ދެ އިންތިހާބުގެ ރެފަރެންޑަމްއާ ގުޅޭގޮތުން ވާދަވެރިން ދައްކާ ދޮގު ވާހަކަތައް ގަބޫލުނުކޮށް ޕީއެންސީގެ ސްޓޭންޑާ އެއްގޮތަށް ކުރިއަށް އޮތް ވޯޓުގައި ހެޔޮ ފާހަގަ ޖަހައި "އާނއެކޭ" ބުނުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!