އީރާންގެ ކުރީގެ ރައީސް މަޙްމޫދު އަޙުމަދީނީޖާދު ދިރިއުޅުއްވާ އަމިއްލަފުޅު ގެކޮޅަށް ދެވުނު ވަރުގަދަ ހަމަލާއެއްގައި އެމަނިކުފާނު ޝަހީދުވެފައިވާ ކަމުގެ ޚަބަރުތައް ފެތުރެން ފަށައިފިއެވެ.
އީރާނުގެ ލޭބަރ ނިއުސް އެޖެންސީ (އައިއެލްއެންއޭ) އާއި ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާންގެ އިރުމަތީ ސަރަޙައްދެއް ކަމަށްވާ ނަރުމަކްގައި ހުންނަ އަޙުމަދީނީޖާދުގެ އަމިއްލަފުޅު ގެކޮޅަށް އަމާޒުކޮށް ދެވުނު މި ހަމަލާގައި، އުމުރުފުޅުން 69 އަހަރުގެ އަޙުމަދީނީޖާދުގެ އިތުރުން އެމަނިކުފާނުގެ ބޮޑީގާޑުންގެ ތެރެއިން މަދުވެގެން ތިން މީހަކު ވެސް ވަނީ ޝަހީދުވެފައެވެ.
މި ހަމަލާއަކީ އެމެރިކާއިން ކުރިއަށްގެންދާ "އޮޕަރޭޝަން އެޕިކް ފިއުރީ" އަދި އިސްރާއީލުން ކުރިއަށްގެންދާ "އޮޕަރޭޝަން ލަޔަންސް ރޯ" ގެ ދަށުން ދެވުނު ހަމަލާއެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
ފެބްރުއަރީ 28 ވާ ހޮނިހިރު ދުވަހު ފެށި މި އޮޕަރޭޝަންތަކުގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި ދައުލަތުގެ އިސް 40 އަށްވުރެ ގިނަ އޮފިޝަލުން އަވަހާރަވެފައިވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
މި ހާދިސާއާ ގުޅޭގޮތުން ޚަބަރުތައް ފެތުރެމުންދާއިރު، ބައެއް މަސްދަރުތަކުން މިކަން ދޮގުކުރެއެވެ. ޑެއިލީ ސަބާހް، ޖެރޫސަލަމް ޕޯސްޓް އަދި އާމޫ ޓީވީ ފަދަ މީޑިއާތަކުން މި ޚަބަރު ފަތުރަމުންދިޔަ ނަމަވެސް، އީރާނު ސަރުކާރާ ގުޅުންހުރި ބައެއް ފަރާތްތަކުން ބުނަމުންދަނީ މިއީ ނަފްސާނީ ހަނގުރާމައެއްގެ ބައެއް ކަމަށެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ (އައިއާރުއައިބީ) އިން ބުނެފައިވަނީ މިވަގުތު އެމަނިކުފާނަށް ވީގޮތެއް ކަށަވަރުކޮށްދެވެން ނެތް ކަމަށެވެ. ނަމަވެސް، ސެޓަލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ނަރުމަކް ސަރަޙައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މަޙްމޫދު އަޙުމަދީނީޖާދަކީ 2005 އިން 2013 އަށް އީރާނުގެ ރައީސްކަން ކުރެއްވި، އިސްރާއީލާ ދެކޮޅަށް ހަރުކަށި ސިޔާސަތުތަކެއް ގެންގުޅުއްވި ބޭފުޅެކެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އިސްދައުރެއް އަދާކުރެއްވި އެމަނިކުފާނު ފަހަކަށް އައިސް ހުންނެވީ އެކްސްޕީޑިއަންސީ ޑިސަރންމަންޓް ކައުންސިލްގެ މެންބަރެއްގެ ގޮތުގައެވެ.
އީރާނުގެ އިސް ވެރިންނަށް އަމާޒުކޮށް ދެވުނު މި ހަމަލާތަކާ ގުޅިގެން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ވަނީ "އޮޕަރޭޝަން ޓްރޫތުފުލް ޕްރޮމިސް 4" ފަށާފައެވެ. މި އޮޕަރޭޝަނުގެ ދަށުން މެދުއިރުމަތީގައި ހުރި އެމެރިކާ އާއި އިސްރާއީލުގެ އަމާޒުތަކަށް ސަތޭކައަށްވުރެ ގިނަ މިސައިލް މިހާރު ވަނީ ފޮނުވާލާފައެވެ. މި ހާދިސާއާއެކު މުޅި ސަރަޙައްދުގެ މަސްރަޙު ވަނީ އިންތިހާއަށް ނުތަނަވަސްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!