މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައެއްގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވަނިކޮށް، މިއަދުގެ ކުރީކޮޅު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތައް އީރާނުން ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށާއި ސަރަހައްދުގެ ހަ ގައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކުރު ވަގުތުކޮޅެއްގެ ތެރޭގައި މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ.

Ad
rt

ފެބްރުއަރީ 28، 2026 އާ ހަމައަށް މަސްރަހު ގޯސްވެފައި އޮތުމަށްފަހު، މިއަދު ފެށުނު މި ހަމަލާތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ނަމުގައި ހިންގި ހަރަކާތްތަކެކެވެ. އެމެރިކާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި މި އޮޕަރޭޝަނުގެ އަމާޒަކީ އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކާއި، މިސައިލް އުފައްދާ މަރުކަޒުތަކުގެ އިތުރުން ސަރުކާރުގެ އިސް ލީޑަޝިޕް ކޮމްޕައުންޑްތަކެވެ. އެގޮތުން ތެހެރާނުގައި ހުންނަ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އޮފީހަށާއި އިސްފަހާން ފަދަ ސިޓީތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ރައީސް ޓްރަމްޕް މި ހަމަލާތައް ސިފަކުރެއްވީ އީރާނުގެ ވެރިކަން ބަދަލުކުރުމަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައެވެ. އަދި އީރާނުގެ ރައްޔިތުން ވެރިންނާ ދެކޮޅަށް ތެދުވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. ނަމަވެސް، މި ހަމަލާތަކުގައި އާންމުންގެ ބައެއް މީހުން މަރުވެފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާއިރު، އީރާނުގެ ދެކުނުގައި ހުރި އަންހެން ކުދިންގެ ސްކޫލަކަށް އެމެރިކާގެ ހަމަލާއެއް އަރައި އެތައް ކުދިންނެއް މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން ވަނީ ވަރުގަދަ "ކައުންޓާ އެޓޭކް" އެއް ފަށާފައެވެ. މި ހަމަލާތަކުގައި އިސްރާއީލުގެ އުތުރާއި މެދުތެރޭގެ ސިޓީތަކަށް ގިނަ އަދަދެއްގެ މިސައިލް ފޮނުވާލާފައިވާއިރު، ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް ވެސް ވަނީ ހަމަލާދީފައެވެ. އީރާނުގެ ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި ހިމެނެނީ:

ބަހްރޭން: މަނާމާގައި ހުންނަ އެމެރިކާގެ ނޭވީ ފިފްތު ފްލީޓްގެ ހެޑްކުއާޓާޒް.
ގަތަރު: އަލް އުދައިދު އެއާ ބޭސް.
ޔޫ.އޭ.އީ: އަލް ދަފްރާ އެއާ ބޭސް. (މި ހަމަލާގައި އަބޫދާބީއަށް ވެއްޓުނު ބައިތަކުގެ ސަބަބުން އާންމުންގެ އެކަކު ވަނީ މަރުވެފައެވެ.)
ކުވެއިތު: އަލީ އަލް ސާލިމް އެއާ ބޭސް.
މީގެ އިތުރުން އުރުދުންނާއި އިރާގުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާތައް އަމާޒުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ގަލްފުގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސައުދީ އަރަބިއްޔާއިން ވަނީ އީރާނުގެ އަމަލުތަކަކީ ގައުމުތަކުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އަދި ގަތަރު ފަދަ ގައުމުތަކުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށް، އެއާ ޑިފެންސް ނިޒާމުތައް އެކްޓިވޭޓްކޮށްފައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން އިންޒާރުދޭ ގޮތުގައި، މި ހަމަނުޖެހުން އިތުރަށް ފުޅާވެ، ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމާއި، ލުބުނާނުގެ ހިޒްބުﷲ އާއި ޔަމަނުގެ ހޫތީން ފަދަ ޖަމާއަތްތައް މި ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ފުރުސަތު ބޮޑެވެ. މިއީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވެސް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ.

އެމެރިކާއިން އިތުރު އޮޕަރޭޝަންތައް ހިންގާނެ ކަމުގެ އިންޒާރު ދީފައިވާއިރު، އީރާނުން ބުނަމުންދަނީ އެ ގައުމަށް ދޭ ކޮންމެ ހަމަލާއަކަށް ފަސްޖެހުމެއް ނެތި ރައްދު ދޭނެ ކަމަށެވެ.

މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވަމުންދާނެ ކަމަށް ބެލެވޭއިރު، މުޅި ސަރަހައްދު މިހާރު އޮތީ ރެޑް އެލާޓްގައެވެ.