4 އޭޕްރީލް 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެހެން ފޮށްޓަކަށް ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

މިގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް އެ ކޮމިޝަނުން މިހާރު ވަނީ ޢާންމުކޮށްފައެވެ.

Ad
rt

މި ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 2026 ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 08:00 އިން ފެށިގެން 2026 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރެވޭނީ ހަމައެކަނި އިޢުލާނުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް އެކަންޏެވެ.

ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށެވެ. ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު، ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާއި ފޮޓޯ ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް ވެރިފައިޑް 'އީފާސް' އެކައުންޓެއް މެދުވެރިކޮށް 'މައި ޕޯޓަލް' އިން ހުށަހަޅާނަމަ، ފޮޓޯ ނުވަތަ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާތަކުން ފެންނަން ހުންނާނެއެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ތަން ބަދަލު ނުކޮށްފިނަމަ، އެ ފަރާތްތަކަށް ވޯޓުލެވޭނީ މިހާރުވެސް ރަޖިސްޓަރީވެފައިވާ ތަނުގައެވެ.

މިހާރު ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ސާފުކުރުމަށް 1414 އަށް އެސް.އެމް.އެސް (VR space IDNO) ކޮށްގެން ނުވަތަ ކޮމިޝަނުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 1414 އަށް ގުޅުއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރެއެވެ. އަދި އޮންލައިންކޮށް ރަޖިސްޓަރީވުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކޮމިޝަނުގެ މައި އިދާރާއިން އެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.