ށ. ގޮއިދޫގެ ދަނޑުވެރިން އުފައްދާފައިވާ 'މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް' (އެމްގެޕް) ސެޓިފައިޑް ދަނޑުވެރިކަމުގެ ބާވަތްތައް، މާލޭގެ ދަނޑުވެރިންގެ ބާޒާރަށް ނެރެ، އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އުފެއްދުންތައް މިހާރު މާލޭ ނޯތު ހާބަރުގެ ދަނޑުވެރިންގެ ބާޒާރުން ލިބެން ހުންނާނެއެވެ.
މި އުފެއްދުންތަކަކީ ދަނޑުވެރިކަމުގެ ރަނގަޅު އުސޫލުތަކަށް އިސްކަންދީގެން، ކާބޯތަކެތީގެ ރައްކާތެރިކަމާއި މަތީ ފެންވަރު ކަށަވަރުކޮށްފައިވާ ތަކެއްޗެވެ. ށ. ގޮއިދޫ އަކީ ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ތައާރަފްކުރި އެމްގެޕް ސެޓިފައިޑް ދަނޑުވެރިން ތިބި ރާއްޖޭގެ ފުރަތަމަ ރަށެވެ. އެގޮތުން އެރަށުގެ 10 ދަނޑެއް ވަނީ 5 މޮޑިއުލް ހިމެނޭ އެމްގެޕް ސެޓްފިކެޓް ހާސިލްކޮށްފައެވެ.
މެޕް ޕްރޮގްރާމްގެ ދަށުން ގޮއިދޫގައި ކުރިއަށްދާ މަސައްކަތްތައް
އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމެންޓް (އިފާޑް) އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް' (މެޕް) ގެ ދަށުން ގޮއިދޫގައި ގާއިމުކުރާ ގްރީން ހައުސްތަކުގެ މަސައްކަތުގެ ބޮޑު ބަޔެއް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަގު އެއްކޮށްގެން ބާޒާރަށް ނެރުމަށްޓަކައި އެރަށުގައި ވަނީ ހާއްސަ ފެސިލިޓީއެއްވެސް ގާއިމުކޮށްފައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މި ފެސިލިޓީއަށް ބޭނުންވާ މެޝިނަރީތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަޝްރޫއުތަކަކީ ރާއްޖޭގެ ދަނޑުވެރިކަން ޒަމާނީކޮށް، ދަނޑުވެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.
ށ. ގޮއިދޫ ކައުންސިލާއި އެރަށުގެ ދަނޑުވެރިންގެ ފަރާތުން މި މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން ވުޒާރާއިން ފާހަގަކުރެއެވެ. ގޮއިދޫއަކީ ޒަމާނީ ދަނޑުވެރިކަމަށް ލޯހުޅުވިފައިވާ، އަދި މި ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ހުރި ދަނޑުވެރިން އުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!