2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބުގައި ވާދަކުރުމަށް މިވަގުތު ރާއްޖޭގެ ހުރިހާ ސިޓީތަކަކާއި ރަށްތަކެއްގައި ރައްޔިތުންނަށް ހިދުމަތްކުރުމަށް އެންމެ ގާބިލު ކެންޑިޑޭޓުން ނެރުނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކަމަށް އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ފަލާހު މިހެން ވިދާޅުވީ ފުވައްމުލަކު ކައުންސިލަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް ރޭ ބޭއްވި ޖަލްސާގައެވެ.
ފަލާހު ވިދާޅުވި ގޮތުގައި ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީވެސް އެ ޕާޓީގެ ޓިކެޓުގައެވެ.
ފަލާހު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް އެދިވަޑައިގަންނަވަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް އެންމެ ބާރު ދުވެލީގައި ކުރިއަށްގެންގޮސް، ރަނުން ރަނަށް ނިންމަވައިލެއްވުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. އެހެންކަމުން ހުރިހާ ސިޓީތަކެއްގެ މޭޔަރުންނާއި، ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.
ރައީސް މުޢިއްޒުގެ އިހުލާސްތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ރައީސަކީ ނަމަކަށް ވައުދުވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި، ކޮންމެ ވައުދެއްވެސް ވެވަޑައިގަންނަވަނީ އެކަން ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ. އަދި މިހާތަނަށް މީހުން ދިރިއުޅޭ 188 ރަށަށް ރައީސް ކުރެއްވި ދަތުރުފުޅުތަކަކީ އިންތިހާބަކާ ގުޅިގެން ކުރެއްވި ދަތުރުފުޅުތަކެއް ނޫންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ގައުމަށް އަންނަމުންދާ އިޖުތިމާއީ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ފަލާހު ވިދާޅުވީ ސްކޫލް ކުދިން ވޭޕް ފަދަ ތަކެތި ބޭނުންކުރުން ހުއްޓިފައިވާ ކަމަށާއި، މާލޭގައި ގޭންގުތަކުގެ ހަރަކާތްތައްވެސް މިހާރު ނެތް ކަމަށެވެ. އަދި މަޖިލިސް ތެރެއިން ގާނޫނުތަކަށް ބަދަލު ގެނެސްގެން ވަޒީފާގެ ފުރުސަތުތައް ހުޅުވާލުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!