ސިނާއީ ރަށް ކ. ތިލަފުށީގެ ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމީހާ މަރުވެފައި އޮއްވާ ފެނިފައިވާއިރު، އެމީހާ އަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި މައްސަލައިގެ އަދާހަމަ ދެމުން ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ) ކަމަށެވެ.
''މިހާތަނަށް ބެލި ބެލުމުން، އަމީން މިއާ ނިޔާވުމުގެ ހާދިސާ ހިނގާފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުކަން ވަނީ އެނގިފައި'' ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރެވެންހުރި މައުލޫމާތު ހާމަކުރަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައިވަނީ 28 ޖެނުއަރީ 2026 (އިއްޔެ) ގައެވެ. އަދި މި މީހާ މަރުވެފައި އޮއްވާ ފެނުނުކަން ފުލުހުން ހާމަކުރީ ރޭގައެވެ.
ސިނާއީ ރަށް ތިލަފުއްޓަކީ އެއް ރަށެއްގައި ބިދޭސީ މަސައްކަތު މީހުން އެންމެ ގިނައިން އުޅޭ ރާއްޖޭގެ އެއް ރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!