އެމެރިކާއިން ހުށަހަޅާފައިވާ އާ "ޕީސް ކައުންސިލް" ގައި ބްރެޒިލުން ބައިވެރިވުމަށްޓަކައި، އެ ގައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެ ޝަރުތެއް ހުށަހަޅުއްވައިފިއެވެ.

މި ޝަރުތުތަކުގެ ތެރޭގައި ކައުންސިލްގެ ދައުރު ހަމައެކަނި ޣައްޒާގެ މައްސަލައަށް ހާއްސަކުރުމާއި، ފަލަސްތީނަށް އދ. ގެ ސަލާމަތީ މަޖިލީހުން ރަސްމީ ގޮނޑިއެއް ދިނުން ހިމެނެއެވެ.

Ad
rt

ބްރެޒިލްގެ ރިޔާސީ ގަޑުވަރުން އާންމުކުރި ބަޔާނެއްގައިވާ ގޮތުން، މި ޝަރުތުތައް ހުށަހަޅުއްވާފައިވަނީ ރައީސް ލޫލާ އާއި ރައީސް ޓްރަމްޕާ ދެމެދު ހޯމަ ދުވަހު ކުރިއަށްދިޔަ 50 މިނެޓުގެ ފޯނު ކޯލެއްގައެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އުދުވާންތަކާއި، ސަރަހައްދީ ސުލްހަ ގާއިމުކުރުމަށް އެމެރިކާއިން އިސްނަގައިގެން އުފައްދަން އުޅޭ ކައުންސިލާ ބެހޭގޮތުންނެވެ.

ބްރެޒިލުން ބުނެފައިވާ ގޮތުގައި އެ ގައުމުން މި ކައުންސިލްގައި ބައިވެރިވުމާ މެދު އަދި ވަކި ގޮތެއް ނުނިންމައެވެ. ނަމަވެސް، ރައީސް ލޫލާ ވަނީ ކައުންސިލްގެ މަސައްކަތްތައް ބައިނަލްއަގުވާމީ އެހެން ހަމަނުޖެހުންތަކަށް ފުޅާނުކޮށް، ހަމައެކަނި ޣައްޒާއަށް އަމާޒުކުރުމަށް ބާރުއަޅުއްވާފައެވެ. މީގެ އިތުރުން، ފަލަސްތީނުގެ ރަސްމީ މަންދޫބަކު އެ ކައުންސިލްގައި ހިމެނުމަކީ ބްރެޒިލުން ބޭނުންވާ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އދ. ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ލޫލާ ވިދާޅުވިއެވެ. މިހާރު އޮތް އޮނިގަނޑަކީ ދުނިޔޭގެ ބާރުތަކުގެ މެދުގައި އޮތް ހަމަހަމަކަން ރަމްޒުކޮށްދޭ އޮނިގަނޑެއް ނޫން، ކަމަށް ވިދާޅުވެ، ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ އަދަދު އިތުރުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މި ފޯނު ކޯލުގައި ދެ ގައުމުގެ އިގްތިސާދީ ގުޅުމާ ބެހޭގޮތުންވެސް ދެ ލީޑަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ފާއިތުވި މަސްތަކުގައި ބްރެޒިލްގެ އުފެއްދުންތަކުން ނަގަމުންދިޔަ ޓެރިފްތައް އެމެރިކާއިން އުވާލުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ. ދެ ރައީސުންވެސް ވަނީ ދެ ގައުމުގެ އިގްތިސާދީ ކުރިމަގު އޮތީ ވަރަށް އުންމީދީ ގޮތެއްގައި ކަމަށް ވިދާޅުވެފައެވެ.