އުމުރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފްލޫ ކްލިނިކެއްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
މި ފްލޫ ކްލިނިކަކީ މި ދުވަސްވަރު ފެތުރެމުންދާ ރޯގާތަކުން ރައްކާތެރިވުމަށާއި، އަވަސް ފަރުވާ ފޯރުކޮށްދިނުމަށް ގާއިމުކުރި ކްލިނިކެކެވެ.
އައިޖީއެމްއެޗުން ބުނީ، މި ކްލިނިކަށް ދައްކަން އަންނަ ފަރާތްތަކުން އެންމެ ފުރަތަމަ ދާންޖެހޭނީ އެ ހޮސްޕިޓަލުގެ އީ.އާރް ޓްރައިޖަށް ކަމަށެވެ. އެތަނުން ކިއުބީ ޓޯކެން ސިސްޓަމް މެދުވެރިކޮށް ފްލޫ ކްލިނިކުގެ ނަންބަރެއް ނެގުމުން، ބަލިމީހާ ދާންޖެހޭނީ ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށްތޯ ޓްރައިޖުން ކަނޑައަޅައި އިރުޝާދު ދޭނެއެވެ.
މި ކްލިނިކުގެ ޚިދުމަތްތަކާ ގުޅޭގޮތުން ހޮސްޕިޓަލުން ބުނެފައިވާގޮތުގައި، މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ޚިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ލިބޭނެ ކަމަށެވެ. މި ޚިދުމަތްތައް ކުރިއަށްދާނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 ގައެވެ.
މި ދުވަސްވަރަކީ އުމުރާގެ އަޅުކަން ނިންމުމަށްފަހު ގިނަ ބަޔަކު ރާއްޖެ އަންނަ ދުވަސްވަރަކަށް ވެފައި، ކޮންމެ އަހަރަކުވެސް މިފަދަ ދުވަސްވަރުތަކުގައި ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މި ކްލިނިކުގެ ސަބަބުން ބަލިމީހުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދާނެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް ޑެންގީ ހުން ފެނިފައިވާ މިންވަރު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު އިތުރުވެފައެވެ. ޑެންގީގެ އިތުރުން އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފެންނަ މިންވަރުވެސް މިދުވަސްވަރު ދަނީ އިތުރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!