މާލޭ ސިޓީ ކައުންސިލުގެ މޭޔަރުގެ މަގާމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ އެއްވެސް ކޫރުމެއް އަޅުވާނުލެވޭ ފަދަ ސާފު ސަޚްޞިއްޔަތެއް ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ފަލާހް މިހެން ވިދާޅުވީ ރޭ ބޭއްވި ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

Ad
rt

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ މޫސާ އަލީ ޖަލީލަކީ ކޮން ބޭފުޅެއްކަން ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މިއަދު ދިވެހިން ދެކެމުންދާ މިނިވަންކަން މިއަދާ ހަމައަށް ގެނެސްދިނުމުގައި ގުނާލެވޭ ބަތަލުންގެ ތެރޭގައި ޖަލީލު ހިމެނިވަޑައިގަންނަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖަލީލުގެ ސަޚްޞިއްޔަތާ ގުޅޭގޮތުން ފަލާހް ވިދާޅުވީ، އޭނާއަކީ އިޚްލާސްތެރި، ތެދުވެރި އަދި އަމާނާތްތެރި ބޭފުޅެއް ކަމަށެވެ.

"ކުރުގޮތަކަށް ދަންނަވާނަމަ ކޫރުމެއް އަޅުވާލަން ބިއްލޫރިކޮޅެއް ހާކާލިޔަސް އަޅުވާލަން އުނދަގޫފަދަ ސަޚްސިއްޔަތެއް،" ފަލާހް ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ކަމަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންނަށް ބަލާއިރު، އެންމެ އެކަށީގެންވާ ބޭފުޅަކީ ޖަލީލު ކަމާމެދު އެއްވެސް ރައްޔިތަކު ދެބަސްނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަލާހް އިތުރަށް ވިދާޅުވީ، މޫސާ އަލީ ޖަލީލަކީ މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ހިދުމަތް ކުރައްވާނެ ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރަށް ފުރިހަމައަށް އެހީތެރިވެދޭނެ ބޭފުޅެއް ކަމުގެ ޔަގީންކަންވެސް ފަލާހް ދެއްވިއެވެ.