މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ށ. މިލަންދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. މިލަންދޫ، ވެނީލާހައުސް، އަޙްމަދު ޢާލިމް (33އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެ ރަށު ޕޮލިހުން މި މަހުގެ 13 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މި އޮޕަރޭޝަނުގެ ތެރެއިން މިލަންދޫ މަގުމަތިން އޭނާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން، އޭނާ ވަނީ ފިލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން އޭނާ ހިފަހައްޓައި، ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން، އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރިއިރު މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އަޙްމަދު ޢާލިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ މިލަންދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!