ކުޅުދުއްފުށީ ސިޓީގެ މިހާރުގެ މޭޔަރު މުހައްމަދު އާތިފް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިތުރު ދައުރަކަށް އެ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް ނިންމަވައި އެކަން މިއަދު ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.

މިކަން ހާމަކުރައްވައި އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވާދަކުރަން އޭނާ ނިންމަވާފައިވާ ކަމަށެވެ. އަދި މި ދަތުރުގައި ކުޅުދުއްފުށީގެ އެންމެހައި ރައްޔިތުންގެ ފުރިހަމަ ތާއީދާއި، ލޯތްބާއި، އެހީތެރިކަމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

Ad
rt

މީގެ އިތުރުން، އާތިފް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ ތަސައްވަރު ރައްޔިތުންނާ ހިއްސާކުރަމުން ދާނެ ކަމަށެވެ.

"ކުރިއަށްއޮތް ދުވަސްތަކުގައި އަޅުގަނޑުގެ ތަސައްވަރު ތިޔަ ރައްޔިތުންނާއި ހިއްސާކުރަމުން ދާނަން،" އާތިފްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

މުހައްމަދު އާތިފަކީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވި ފަހުން އެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް އިންތިހާބުވި ފުރަތަމަ މޭޔަރެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ކުޅުދުއްދުށީ ސިޓީގެ މޭޔަރުކަމަށް ވާދަކުރަނީ އިބްރާހިމް ހަސަން (ކުޑަ އިއްބެ) އެވެ.