އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ގަދީމީ ޒަމާނުގެ ފިރުޢައުނެއްގެ ގޮތުގައި ސިފަކޮށްދޭ ކުރެހުމެއް އާންމުކުރައްވައި، މާޒީގައި އުޅުނު އަނިޔާވެރި ވެރިންނަށް ކުރިމަތިވި ފަދަ ނިމުމަކާ އޭނާވެސް ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ.

ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ކުރެހުން އާންމުކުރައްވާފައިވަނީ ހޯމަ ދުވަހު ޚާމަނާއީގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައެވެ.

Ad
rt

އެމެރިކާގެ ސޯޝަލް މީޑިއާ ކުންފުނި 'އެކްސް' ގައި ހިއްސާކުރި މި ކުރެހުމުން ފެންނަނީ، ޓްރަމްޕާ ވައްތަރު ގޮތަކަށް ސިފަކޮށްފައިވާ، ފިރުޢައުނުންގެ ޒަމާނުގެ ވައްޓަފާޅިއަށް ހުރި ވެއްޓި ފުނޑުފުނޑުވަމުންދާ ސަންދޯކެކެވެ. މި ކުރެހުމާއެކު "ފިރުޢައުނު ފަދައިން" މި އިބާރާތް ލިޔެފައިވެއެވެ. މިއީ އީރާނުގެ ލީޑަޝިޕަށް އަމާޒުކޮށް ޓްރަމްޕް ފަހަކަށް އައިސް ދެއްވަމުން ގެންދަވާ އިންޒާރުތަކަށް ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށް ބެލެވެއެވެ.

މި ކުރެހުމާއެކު ފާރިސީ ބަހުން ލިޔުއްވާފައިވާ މެސެޖެއްގައި ޚާމަނާއީ ވިދާޅުވީ، ދުނިޔޭގެ މައްޗަށް ވެރިވެގަންނަން މަސައްކަތްކުރި ފިރުޢައުނު، ނަމްރޫދު، ރިޒާ ޚާން އަދި މުޙައްމަދު ރިޒާ ފަދަ ބޮޑާ ވެރިން، އެމީހުންގެ ބާރުގެ އެންމެ ކުރީގައި ތިއްބައި ވެއްޓިގެން ގޮސްފައިވާ ކަމަށެވެ.

"މިމީހާވެސް ވެއްޓިގެންދާނެ،" ޓްރަމްޕަށް އިޝާރާތްކުރައްވައި ޚާމަނާއީ ވިދާޅުވެފަވެއެވެ.

އީރާނުގެ ދާޚިލީ ހާލަތާއި މުޒާހަރާތައް

މި އިންޒާރުތައް އައިސްފައިވަނީ އީރާނުގެ އިގްތިސާދީ ހާލަތު ގޯސްވެ، ފައިސާގެ އަގު ދަށަށް ދިއުމުގެ ސަބަބުން ގައުމުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި މުޒާހަރާތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. ޑިސެމްބަރު 28 އިން ފެށިގެން ތެހެރާންގެ ގްރޭންޑް ބާޒާރުގައި ފެށުނު މި މުޒާހަރާތައް މިހާރު ވަނީ މުޅި ގައުމުގެ 31 ޕްރޮވިންސެއްގެ 186 ސިޓީއަށް ފެތުރިފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީ (HRANA) އިން އަންދާޒާކުރާ ގޮތުގައި، މި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިން ހިމެނޭހެން މަދުވެގެން 544 މީހުން ވަނީ މަރުވެފައެވެ. އަދި 1,000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، 10,681 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން، އީރާނުގެ ތަސްނީމް ނިއުސް އެޖެންސީއާ ހަވާލާދީ އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި އީރާނުގެ ސަލާމަތީ ބާރުތަކުގެ މަދުވެގެން 109 މެންބަރުން ވެސް ވަނީ މަރުވެފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާއާއި އީރާނާ ދެމެދު އޮތް ބަހުގެ ހަމަލާތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ.