އީރާނުން ދަނީ އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް ހަތަރު ދާއިރާއަކުން އެއްވަގުތެއްގައި ކުރިމަތިލަމުންކަމަށް ވިދާޅުވެ، އީރާނުގެ ޕާލަމަންޓުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް، އެމެރިކާއާއި އިސްރާއީލަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
އާދީއްތަ ދުވަހު އޮތް ޕާލަމަންޓުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އެމެރިކާއިން ތެހެރާނަށް އަސްކަރީ ހަމަލާއެއް ދީފިނަމަ، އިސްރާއީލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން ކަނޑުދަތުރުފަތުރުގެ މަރުކަޒުތަކަކީ އީރާނުން ހަމަލާދޭނެ "ޝަރުޢީ އަމާޒުތަކެއް" ކަމުގައި ބެލެވޭނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނިސްބަތްކުރަށްވައި ގާލީބާފް ވިދާޅުވީ، އީރާނުގެ ދިފާޢީ އޮނިގަނޑު އޮތީ ހަމައެކަނި އަމަލަކަށްފަހު ރައްދު ދިނުމުގެ މައްޗަށް ބިނާވެފައި ނޫން ކަމަށެވެ. އަދި އެމެރިކާގެ އެއްވެސް އަސްކަރީ ހަރަކާތެއް އީރާނާ ދެކޮޅަށް ހިންގައިފިނަމަ، އޭގެ ރައްދު ވަރަށް ފުޅާދާއިރާއެއްގައި ފެންނާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.
ހަތަރު ދާއިރާއަކުން ކުރިމަތިލުން
ގާލީބާފް ފާހަގަކުރެއްވި ގޮތުގައި އީރާނުން މިހާރު ދަނީ އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް ހަތަރު ދާއިރާއަކުން އެއްވަގުތެއްގައި ކުރިމަތިލަމުންނެވެ. އެއީ އިޤްތިޞާދީ، ފިކުރީ، އަސްކަރީ އަދި ޓެރަރިސްޓް ހަނގުރާމައިގެ ދާއިރާއެވެ. ގައުމުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، ދުޝްމަނުން ރަށުތެރޭގެ ޓެރަރިސްޓުން ރެކްރޫޓްކޮށްގެން ގައުމު ހަލަބޮލިކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި، އީރާނުން މިހާރު ކުރަމުންދަނީ އެ ޓެރަރިސްޓުންނާ ދެކޮޅު ހަނގުރާމައެއް ކަމަށެވެ.
"ދުޝްމަނުން ރޭވީ 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ރަށުތެރޭގެ ޓެރަރިސްޓުން ރެކްރޫޓްކުރުމަށް، ނަމަވެސް އެކަން ނާކާމިޔާބުވި (ޖޫން 2025 ގައި). މިހާރު އެމީހުން ވަނީ ރަށުތެރޭގެ ޓެރަރިސްޓުން ރެކްރޫޓްކޮށްފައި. އަޅުގަނޑުމެން މި ހަނގުރާމަކުރަނީ ޓެރަރިސްޓުންނާ،" ގައުމުގައި މިހާރު ކުރިއަށްދާ ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވިއެވެ.
މި ޖަލްސާގެ ތެރޭގައި އީރާނުގެ ޕާލަމަންޓުގެ މެންބަރުން ވަނީ އެމެރިކާއާ ދެކޮޅު ޝިއާރުތައް ބާރަށް ގޮވާފައެވެ. މިއީ ޑިސެމްބަރު 28 އިން ފެށިގެން އީރާނުގެ އެކި ސަރަހައްދުތަކުގައި ސަރުކާރާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން މަސްރަޙު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ދެއްވި ބަޔާނެކެވެ.
އެމެރިކާގެ ބަހުގެ ހަމަލާތަކަށް ރައްދު
އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާނުގެ ރައްޔިތުން ތިބީ މިނިވަންކަމަށް އެދިއެދި ކަމަށާއި، އެމެރިކާ އޮތީ އެހީތެރިވާން ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ. މިކަމަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ، އީރާނުގައި ހަމަނުޖެހުން އުފައްދަނީ އެމެރިކާއާއި އިސްރާއީލުން ކަމަށް ބުނުމަކީ ޚިޔާލީ ވާހަކައެއް ނޫން ކަމަށެވެ.
"ރައީސް ޓްރަމްޕްގެ އަމިއްލަ ކުރީގެ ސީ.އައި.އޭ ޑިރެކްޓަރު ވަނީ މޮސާޑާއި އެމެރިކާއިން ކުރަމުންދާ ކަންތައްތައް ފާޅުކަން ބޮޑު ގޮތެއްގައި ހާމަކޮށްދީފައި"އަރާގްޗީ އިތުރަށް ވިދާޅުވެފަވެއެވެ.
އަދި އީރާނުގައި ހުޅުޖަހަން މަސައްކަތްކުރާ މީހުންގެ ގައިގައި އެންމެ ފަހުން އެ އަލިފާން ހިފާނެ ކަމަށްވެސް އޭނާ އިންޒާރު ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!