ހދ. ނޮޅިވަރަންފަރުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، އެ ރަށު ސިއްޙީ މަރުކަޒަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކު މިއަދު ހަމަޖައްސައިފިއެވެ.

މިއީ 25 އޮގަސްޓް 2025 ގައި ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަންފަރަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅެކެވެ.

Ad
rt

މި ވަޢުދުފުޅާ އެއްގޮތަށް 11 ޖެނުއަރީ 2026 އިން ފެށިގެން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ވަނީ ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުގެ ޚިދުމަތާ ރަސްމީކޮށް ގުޅިވަޑައިގެންފައެވެ.

ނޮޅިވަރަންފަރު ސިއްޙީ މަރުކަޒަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ހަމަޖެހިގެން ދިއުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ. އެއީ މިއަދުން ފެށިގެން ރަށުގައި ތިބެގެން މި ޚިދުމަތް ލިބޭނެ މަގު ތަނަވަސްވުމުންނެވެ.

ނޮޅިވަރަންފަރަށް ކުޑަކުދިންގެ ޑޮކްޓަރެއް ހަމަޖެއްސުމާއިއެކު، އެރަށާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ އިތުރުން ހަނިމާދޫ އާއި މަކުނުދޫން ވެސް ކުޑަކުދިންގެ ޑޮކްޓަރުގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ. އަދި ނޮޅިވަރަމަށް ކުޑަކުދިންގެ ޑޮކްޓަރެއް ހަމަޖެއްސުމުގެ މަރުހަލާތައް މިހާރު ހިނގަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.

މަކުނުދޫ، ހަނިމާދޫ، ނޮޅިވަރަންފަރު އަދި ނޮޅިވަރަމަށް ކުޑަކުދިންގެ ޑޮކްޓަރުންނާއި އެތެރެ ހަށީގެ ޑޮކްޓަރުންނާއި އަދި އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރުން ހަމަޖައްސައި ދިނުމަކީ ރައީސް މުޢިއްޒު އެރަށްރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ.

ހަނިމާދޫ އާއި މަކުނުދޫ އަށް އަށް މިހާރު ވަނީ އެތެހަށީގެ ޑޮކްޓަރަކާއި އަންހެނުންގެ ހާއްސަ ޑޮކްޓަރުން ވެސް ހަމަޖައްސާފައެވެ.