މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިއަދު މާލެ ސަރަހައްދާއި ގއ. އަތޮޅުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 10 ތަނެއް ބަލައި ފާސްކޮށް، ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދާ 'އޮޕަރޭޝަން އަލިމަގު' ގެ ބައެކެވެ.
ފުލުހުން ބުނި ގޮތުގައި މިއަދުގެ ހަރަކާތްތައް ހާއްސަކޮށްފައިވަނީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށެވެ.
މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް މާލެ އާއި ގއ. އަތޮޅުގެ އެކި ސަރަހައްދުތަކުން ޖުމުލަ 10 ތަނެއް ވަނީ ބަލައި ފާސްކޮށްފަ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ފެށި މި ސިލްސިލާ އޮޕަރޭޝަންތަކުގެ ދަށުން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައި ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި މި އޮޕަރޭޝަންތަކުގައި މިހާތަނަށް ގާތްގަނޑަކަށް 100 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފުލުހުން ދަނީ މަސްތުވާތަކެތީގެ ނެޓްވޯކްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރޫޅާލުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.
"އޮޕަރޭޝަން އަލިމަގު" ގެ ދަށުން މިއަދު ހިންގި ހަރަކާތްތަކުގައި ހައްޔަރުކުރި މީހުންގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!