ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް ފާސްކުރި ރީ-އެމްޕްލޯއިމަންޓްގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ 2026 ޖަނަވަރީ 5 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޚާއްޞަ ޖަލްސާއެއްގައި ފާސްކޮށްފައިވާ ބިލެކެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް ޢުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މިގޮތުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމުގައި ބަލާނެ ހަމަތަކާއި، އެފަދަ ވަޒީފާތަކުގައި ޢަމަލުކުރާނެ އުސޫލުތައް މި ބިލުގައި ވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.
މި ބިލު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކުރިން އަދާކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. ނަމަވެސް، ސިފައިން، ފުލުހުން، ފަނޑިޔާރުން އަދި ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި މުއްދަތަކަށް ޢައްޔަންކުރެވޭ މަޤާމުތަކުގައި ތިއްބަވާ ފަރާތްތައް މި ބިލުގެ ދާއިރާއިން އިސްތިސްނާވާނެއެވެ.
ރީ-އެމްޕްލޯއިމަންޓްގެ މުއްދަތާއި ޝަރުޠުތައް
މި ބިލުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ ޢުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މީގެ އިތުރުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ފާއިތުވި 7 އަހަރުގެ ތެރޭގައި ޕެންޝަން ޢުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ވެސް އަލުން ވަޒީފާ ދިނުމުގެ ފުރުޞަތު މި ޤާނޫނުގެ ދަށުން ލިބިގެންދާނެއެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!