ރާއްޖެ އަށް ޚާއްޞަކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ވައި ނުސާފުވުމުގެ ސަބަބުން އާންމު ސިއްޙަތަށް ނުރައްކާވެދާނެ ކަމަށް ބަލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިންޒާރު ދީފިއެވެ.

ވައިގެ ކޮލިޓީ ދަށްވުމުގެ ސަބަބުން މިހާރު ވަނީ 'ރެޑް އެލާޓް' ގެ މިންވަރަށް ވައި ނުސާފުވެފައެވެ. މިކަމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ 1.5 ކިލޯމިޓަރަށްވުރެ ދަށްވެފައެވެ. މިއީ ސިއްޙީ ގޮތުން ބަލާއިރު ނުރައްކާތެރި މިންވަރެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

Ad
rt

މި ހާލަތާ ގުޅިގެން އެޗްޕީއޭއިން ވަނީ ބޭރުގައި އުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފައެވެ. ވަކިން ހާއްސަކޮށް، މިދުވަސްވަރު ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ބުރަ މަސައްކަތްތައް ކުރުން މަޑުޖައްސާލުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ވައި ނުސާފުވުން އިތުރުވުމުން އެޗްޕީއޭ އިން ވަނީ އެކި ސަރަހައްދުތަކަށް ރަތް ސަމާލުގެ އިތުރުން އޮރެންޖު އަދި ރީނދޫ ސަމާލުވެސް ނެރެފައެވެ. އަދި ދ. ކުޑަހުވަދޫ، ކ.ވިލިނގިލި އަދި ލ.ގަން ހިމެނޭ ސަރަހައްދުތަކަށް ވަނީ ރަތް އިންޒާރު ނެރެފައެވެ.

މިގޮތުން އުތުރުން ށ. ފުނަދޫ ހިމެނޭ ސަރަހައްދަށް އޮރެންޖު އިންޒާރު ނެރެފައިވާއިރު، މާލެ ސަރަހައްދާއި ފުވައްމުލަކު ސިޓީ އަށް ވެސް ވަނީ އޮރެންޖު އިންޒާރު ނެރެފައެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެފައި ހުންނާނެއެވެ. އެހެންކަމުން، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.

ރަތް ސަމާލު

ސިއްހީގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި، ފުއްޕާމެއާއި ހިތުގެ ބަލިތައް ނުރައްކާ ހުރިހާ އެންމެންނަށް ވެސް ބޮޑު

މި ސަމާލުގެ ވަގުތުގައި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން މަޑުޖައްސާލަން އިރުޝާދު ދީފައިވޭ،

އެންމެވެސް ބޭރަށް ނުކުންނަށް ޖެހޭ ހާލަތްތަކުގައި އެން95 ނުވަތަ އެފަދަ އެހެން މާސްކެއް އެޅުމަށް އިރުޝާދު ދީފައިވޭ،

ނުސާފުވައި ނުވަންނާނެހެން ގޭގެ ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިރުޝާދު ދީފައިވޭ،

އޮރެންޖް އިންޒާރު

ނާޒުކު ހާލަތްތަކުގައިވާ ފަރާތްްތަކަަށާއި އެހެންމީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތުބޮޑު،

ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން މަޑުޖައްސާލަން އިރުޝާދު ދީފައިވޭ،

އެންމެވެސް ބޭރަށް ނުކުންނަށް ޖެހޭ ހާލަތްތަކުގައި އެން95 ނުވަތަ އެފަދަ އެހެން މާސްކެއް އެޅުމަށް އިރުޝާދު ދީފައިވޭ،

ނުސާފުވައި ނުވަންނާނެހެން ގޭގެ ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިރުޝާދު ދީފައިވޭ،