މާލޭގެ މަގުމަތީގައި ތަކުރާރުކޮށް ކުށްކުރާ 1,000 އެއްހާ މީހުން އުޅެމުންދާތީ، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަނީ ކުށްކުރުމުގައި ދެމިތިބޭ މީހުން މިނިވަންކަމާއެކު މުޖުތަމައުގެ ތެރޭގައި އުޅެމުންދާތީ ކަމަށެވެ. އަދި މުދާ ރައްކާތެރިކުރުމަށް އާންމުން ސަމާލުކަން ދޭ މިންވަރު ކުޑަވުމަކީ ވެސް މީގެ ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި، މާލޭގައި ހިނގާ ގިނަ ވައްކަންތަކުގައި ބައިވެރިވަނީ ތަކުރާރުކޮށް ކުށްކުރާ މި 1,000 އެއްހާ މީހުންނެވެ. "މިފަދަ ބައެއް މީހުން މިއަހަރުގެ ތެރޭގައި އެކަނިވެސް 1,000 އަށްވުރެ ގިނަ ފަހަރު ފުލުހުން ހުއްޓުވައި ސުވާލުކޮށްފައިވޭ. އަދި އޭގެ ތެރެއިން ބައެއް މީހުން 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވޭ،" އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ، މިފަދަ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ގިނަ މައްސަލަތަކެއް މިހާރު ވެސް ފޮނުވާފައިވާ ކަމަށެވެ. އަދި މި މީހުންނަށް ހުކުމް ކުރެވި ބަންދުކުރެވުމުން، ވައްކަމުގެ މައްސަލަތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ޕީޖީ އޮފީހާއި ކްރިމިނަލް ކޯޓާ ގުޅިގެން އެންމެ ގިނައިން ކުށްކުރާ މީހުންގެ ލިސްޓެއް މިހާރު ވަނީ ތައްޔާރުކޮށްފައެވެ. މި މީހުންނަށް އަވަހަށް ހުކުމްކޮށް މުޖުތަމައުން އެއްފަރާތްކުރުމުގެ މަސައްކަތް މިދިޔަ މަހުން ފެށިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އޭގެ ނަތީޖާ ފެންނާނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރު މާލޭގެ ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ 41 އިންސައްތައަކީ ވައްކަމުގެ މައްސަލަތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!