ހއ.އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރ މަރާމާތު ކުރުމުގެ މުހިންމު މަސައްކަތަށް އެ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރ ވަގުތީގޮތުން ބަންދުކޮށްފިއެވެ.

އެ މަސައްކަތް އަތޮޅު ހޮސްޕިޓަލުން މިއަދު ވަނީ އެމްއެންބީ ކޮންސްޓްރަކްޝަންސްއާ ހަވާލުކޮށްފައެވެ. މި މަސައްކަތަކީ ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

Ad
rt

މި މަރާމާތަކީ ހޮސްޕިޓަލުން ވަރަށް ގިނަ ދުވަހު އިންތިޒާރު ކުރަމުންދިޔަ މަސައްކަތެކެވެ. އެއީ އޮޕަރޭޝަން ތިއޭޓަރގެ ޢިމާރާތުގެ ބާވުމާއި ސްޓްރަކްޗަރަލް ގެއްލުންތައް އަހަރުތަކެއް ވަންދެން އިތުރަށް ގޯސްވަމުން ދިޔުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ސާޖިކަލް މަސައްކަތްތައް ކުރުމަށް ދިމާވަމުންދިޔަ ގޮންޖެހުންތަކަށް މި މަޝްރޫޢުގެ ސަބަބުން ހައްލު ލިބިގެންދާނެއެވެ.

ހޮސްޕިޓަލުން ވަނީ މި މުހިންމު މަސައްކަތަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވެދެއްވި ބެލެހެއްޓުމާއި ހުއްދައަށް ޝުކުރު އަދާކޮށްފައެވެ. ހއ.އަތޮޅު ހޮސްޕިޓަލުން ފާހަގަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ސަބަބުން ބަލިމީހުންނާއި މުވައްޒަފުންނަށް ސާޖިކަލް މަސައްކަތްތައް ކުރުމަށް އިތުރަށް ރައްކާތެރި އަދި އެކަށީގެންވާ މާހައުލެއް ޤާއިމުވެގެންދާނެއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި، މެމޮގްރަފީ އަދި އެކްސްރޭގެ ޚިދުމަތްތައް ދިނުމަށްޓަކައި އިތުރުކުރާ ޢިމާރާތުގެ މަސައްކަތް 26 ނޮވެމްބަރު 2025 ގައި، ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާއިރު، ނޮވެމްބަރު 22 ވަނަ ދުވަހު ވަނީ ހއ.އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ ބިންގާ ވެސް އަޅާފައެވެ.