ސްރީލަންކާ އަށް ކުރިމަތިވި މޫސުމީ ކާރިސާގެ ވަގުތުގައި ރާއްޖެއިން ދައްކުވައިދިން އެކުވެރިކަމަކީ ލަންކާގެ ރައްޔިތުންނަށް ލިބުނު ބޮޑުހިތްހަމަޖެހުމެއްކަމަށް ލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި ރައީސް ޑިސަނާޔަކަ ވަނީ މީސްމީޑިއާގައި ޚާއްސަ ޕޯސްޓެއް ވެސް ކުރައްވާފައެވެ.

Ad
rt

މި ޕޯސްޓުގައި ރައީސް އަނޫރާ ވިދާޅުވެފައިވަނީ، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހެޔޮފުޅު މެސެޖަށާއި، ސްރީލަންކާއަށް ދިވެހިރާއްޖެއިން ދެއްވި ދީލަތި އެހީތެރިކަމަށްޓަކައި އެމަނިކުފާނު ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. ސްރީލަންކާއަށް ކުރިމަތިވި މި ދަތި ވަގުތުގައި ރާއްޖެއިން ދެއްވި އެއްބާރުލުމަކީ ދެ ގައުމުގެ ގުޅުން ހުރި ވަރުގަދަކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް ރައީސް ޑިސަނާޔަކަ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަވައްޓެރި ޤައުމުން މި ދައްކުވައިދެއްވި އެކުވެރިކަމުގެ ރޫޙަކީ، އަޅުގަނޑުމެންގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދިން ކަމެކެވެ. އަދި މިއީ އަޅުގަނޑުމެންގެ ދެމެދުގައި ގާއިމުވެފައިވާ ދިގު މުއްދަތުގެ ގުޅުމުގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ." ރައީސް ޑިސަނާޔަކަ ވިދާޅުވެފަވެއެވެ.

ސްރީލަންކާއަށް މި ފަހުން ކުރިމަތިވި މޫސުމީ ކާރިސާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ރާއްޖެއިން ވަނީ ލަންކާ އަށް އެހީތެެރިވުމުގައި އިސްނަގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިގޮތުން ރާއްޖޭގެ ސަރުކާރުން 50،0000 އެމެރިކާ ޑޮލަރާއި، 25،000 ކޭސް މަސްދަޅާއި، ދައުލަތުގެ މީޑިއާ އިސްނަގައިގެން 37 މީޑިއާއަކާއި ގުޅިގެން ހިންގި ތެލެތޯނަށް އާންމު ރައްޔިތުންނާއި، އޮފީސް/ކުންފުނި ޖަމާއަތްތަކުން ދިން 800،000 ޑޮލަރުގެ އެހީ ބައެއް ބޮޑެތި ވިޔަފާރިތަކުން ސީދާ ލަންކާ އާއި ހަވާލުކުރި ފައިސާއާއިއެެކު ރާއްޖެއިން ލަންކާ އަށް ދިން އެހީތެރިކަން 1.2 މިލިއަން ޑޮލަރާއި ވަނީ ގާތްކޮށްފައެވެ.

ސްރީލަންކާ އަށް އެރި ތޫފާނުގައި މިހާތަނަށް 470 މީހުން މަރުވެފައިވާއިރު، 360 މީހުން ވަނީ ގެއްލިފައެވެ. އަދި 275،000 ކުޑަކުދިން ހިމެނޭހެން 1.6 މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފައެވެ.

ލަންކާގެ 41،000 ގެދޮރު ހަލާކުވެފައިވާއިރު، އެ ގައުމަށް ލިބުނު އިގްތިޞާދީގެއްލުން 6-7 ބިލިއަން ޑޮލަރަށް ހަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.