ހދ. ކުޅުދުއްފުށި ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.
ފުލުހުން ބުނި ގޮތުގައި އިއްޔެ ކުޅުދުއްފުށި ސިޓީ ޕޮލިހާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުގައި ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރުކޮޅަކާއި، ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ ނުވަ ގުރާމު (9g) ކަމަށް ފުލުހުން ބުންޏެވެ. މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޔުނިޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!