ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ދަށުން އަތޮޅު ކައުންސިލުތައް އުފެއްދުމަށް ޤާނޫނުއަސާސީން ލާޒިމްކުރާ ކުރުން އުވާލުމަށް ހުށަހެޅުނު ބިލެކެވެ. ރައީސް މި ބިލު ތަޞްދީޤުކުރެއްވުމާއެކު، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައި، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ، 2025 ނޮވެންބަރު 25 ވީ އަންގާރަ ދުވަހު ކުރިއަށްގެންދިޔަ، އެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ. މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސްކުރީ ވަރަށް ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެގޮތުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ ތެރެއިން 75 މެންބަރުންގެ ވޯޓުން ބިލު ފާސްވިއެވެ. ބިލު ފާސް ކުރުމާ ދެކޮޅަށް ވޯޓް ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.
ލާމަރުކަޒީ ނިޒާމަށް އަންނަ ބަދަލު
މި އިޞްލާޙާއެކު، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ބައެއްގެ ގޮތުގައި އިދާރީ ދާއިރާތައް ހިންގުމަށް އަތޮޅު ކައުންސިލުތައް އުފެއްދުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލާޒިމްކުރާކުރުން ވަނީ އުވާލާފައެވެ.
އަތޮޅު ކައުންސިލްތައް އުވާލުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ގޮތްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅޭ ކަންކަން ތަންފީޒުވާނީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައެވެ. އެހެންކަމުން، އަލަށް އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ އުމުރު ފެށެންދެން މިހާރު އޮތް އަތޮޅު ކައުންސިލްތައް ދެމިއޮންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!