ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ދިވެހި ސަރުކާރުން، އެ ޤައުމަށް ފައިސާގެ އެހީގެ ގޮތުގައި 50،000 (ފަންސާސް ހާސް) އެމެރިކާ ޑޮލަރު އަދި މަސްދަޅުގެ 25،000 (ފަންސަވީސް ހާސް) ކޭސް ހަދިޔާ ކުރުމަށް ނިންމައިފިއެވެ.
ސަރުކާރުގެ މި ނިންމުމަކީ، “ޑިޓްވާ” ތޫފާންގެ ސަބަބުން ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އެ ޤައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
މި އެހީތެރިކަން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަމެވެ.
ޚާރިޖީ ވުޒާރާއިން ބުނިގޮތުގައި ދިވެހި ސަރުކާރުން އަބަދުވެސް ބަލަނީ އަވަށްޓެރި ޤައުމުތަކަށް ދިމާވާ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ޚާރިޖީން ވުޒާރާއިން ބުނީ، މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެކަމަށް ރާއްޖެއިން އުއްމީދުކުރާކަމަށެވެ.
ލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާގައި މިހާތަނަށް 123 މަރުވެ، 130 މީހުން ވަނީ ގެއްލިފައެވެ. އަދި 43،900 މީހުން ގެދޮރުގައި ނޫޅެވޭވަރުވުމުން އެހެން ތަންތަނަށް ވަނީ ބަދަލުކޮށްފައެވެ. އެ ގައުމުގައި މިވަގުތު އޮތީ ކުއްލި ނުރައްކަލިގެ ހާލަތު ޢިއުލާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!