ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން، ގާނޫނާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު އާންމުންގެ ކިބައިން އެދިއްޖެއެވެ.

މިކަމަށް އެދި މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިދޭސީން ގާނޫނާ ހިލާފަށް ވިޔަފާރިކުރާކަމުގެ ޝަކުވާތައް ގިނަ އަދަދަކަށް ލިބެމުންދާ ކަމަށެވެ. މައިގަނޑު ގޮތެއްގައި މިފަދަ ވިޔަފާރިތައް ހިންގަނީ ދެ ގޮތަކަށް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

Ad
rt

މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، ޤަވާޢިދާ ޙިލާފަށް ބިދޭސީން ހަރަކާތްތެރިވާ ދެ ގޮތަކީ، ވިޔަފާރިއެއްގެ ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި، އަދި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތަކެވެ. މި ބޮޑުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މިގޮތުން، ރައްޔިތުންގެ މަޖިލީހުން 2024 އޮގަސްޓް 22 ގައި ފާސްކުރައްވައި، 2024 ސެޕްޓެންބަރ 3 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނު 2024/11 ގެ ދަށުން، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް، 2025 އޮކްޓޫބަރު 8 ގައި މިނިސްޓްރީއިން ވަނީ އާންމުކޮށް އިޢުލާންކޮށްފައެވެ. މި އިޢުލާނާއިއެކު ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓް އެނެކްސް ކުރެވިފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ޤަވާޢިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓުކުރުމަށްޓަކައި ތިން ގޮތެއް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އެއީ، މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ރިޕޯޓުކުރުމާއި، މިނިސްޓްރީގެ ހޮޓްލައިން 3333199 (ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް) އަށް ގުޅައި ރިޕޯޓުކުރުމާއި، ނުވަތަ އިމިގްރޭޝަން ވޮޗް (https://imuga.immigration.gov.mv/report-offence) އަށް ރިޕޯޓުކުރުމެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިފަދަ ކޮންމެ ކަންބޮޑުވުމެއް ޙައްލުކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެންކަމަށެވެ. އަދި ނުގަވާއިދުން ވިޔަފާރިކުރާ އެކަކަށްވެސް ފުރުޞަތު ނުދިނުމަށް، ދިވެއްސެއްގެ ނިވަލުގައި ފިލައިހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އެންމެން އެއްރޫޙެއްގައި އެއްބާރުލުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

"މި ސަރުކާރުން، ރައްޔިތުންގެ މި ކަންބޮޑުވުމަށް އިރާދަކުރެއްވިއްޔާ ޙައްލު ގެނަސްދީ، ދިވެހީންގެ ވިޔަފާރިތައް ބާރުވެރި ކުރުވައި، ދިވެހީންގެ ތިޔާގިކަމަށް އިސްކަން ދޭނަން،"

މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިގޮތުން ލިބޭ މައުލޫމާތާ ގުޅިގެން އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން މިނިސްޓްރީން ދެއެވެ. މިކަން ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި، މި މިނިސްޓްރީ އަދި މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން، ސަރުކާރުގެ ތަންފީޒީ އިދާރާތައް ހިމެނޭ ގޮތަށް ގާއިމްކޮށްފައިވާ "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" މެދުވެރިކޮށެވެ. މީގެ އިތުރުން، ބިދޭސީން ޤަވާޢިދާ ހިލާފަށް ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ހުށައެޅުމުގައި، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ވެބްސައިޓް މެދުވެރިކޮށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.