ހއ. އަތޮޅު ކައުންސިލުން ބޭއްވި "ތިލައުތުރު ފުޓްސަލް މުބާރާތް 2025"ގެ ޗެމްޕިއަންކަން އުތީމު ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އުތީމުން ހޯދީ މިރޭ ކުޅުނު ފައިނަލްގައި މުރައިދޫގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ މުރައިދޫ އެވެ. ލިބުނު ކޯނަރަކުން ޖެހި މި ލަނޑު އެޓީމަށް ޖަހައިދިނީ އަޝްރާގެވެ. މުރައިދޫގެ ލަނޑަށްފަހު އުތީމުން ވަނީ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޖަހައިދިނީ އައިހަމް ދިން ބޯޅައަކުން މަޒީން އެވެ.

ދެވަނަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި މެޗުގެ ނަތީޖާ ހަމަހަމަވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަަހައިގެންނެވެ.

މިގޮތުން ޕެނަލްޓީގައި އުތީމުގެ ފުރަތަމަ ޕެނަލްޓީ އަހްމަދު އައިހަމް ކާމިޔަބުކޮށްދިންއިރު، ދެވަނަ ޕެނަލްޓީ ޢަބުދުﷲ އިލްހާމް ވަނީ ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ތިންވަނަ ޕެނަލްޓީ މުރައިދޫގެ ކީޕަރު ދިފާޢުކުރުމުން ވަނީ ނާކާމިޔާބުވެފައެވެ. އެއީ މަޒީން ޖެހި ޕެނަލްޓީއެކެވެ. އުތީމުގެ މުހައްމަދު އައިލަމް ޢަބުދުﷲ ޖަހައިދިން އެ ޓީމުގެ ހަތަރު ވަނަ ޕެނަލްޓީ ދެ ދަނޑީގައި ޖެހިފައި ގޯލުގެ ތެރެއަށް ވަތްއިރު، އުތީމަށް ތަށި ކަށަވަރުވީ ފަސް ވަނަ ޕެނަލްޓީ ޝްވާން އިބްރާހީމް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މި މެޗުގައި މުރައިދޫ ފުރަތަމަ ޕެނަލްޓީ އިޔާން ޖަހައިދިންއިރު އެ ޕެނަލްޓީ ވަނީ އުތީމުގެ ކީޕަރ ދިފާޢުކޮށްފައެވެ. މުރައިދޫގެ ދެވަނަ ޕެނަލްޓީ ނާކާމިޔާބުވީ، މުހައްމަދު ނަޒްމީން ޖަހައިދިން އެ ޕަންޓީގައި ބޯޅަ ހުރަސް ދަނޑީގައި ޖެހިގެންނެވެ. މުރައިދޫ ތިންވަނަ ޕެނަލްޓީ ރައިސަމް ގޯލްގެ މަތީ ދާގަނޑަށް އަމާޒުކޮށް ވައްދާލާފައިވާއިރު، ހަތަރު ވަނަ ޕެނަލްޓީ ކާމިޔާބު ކުރިއެވެ. އެއީ އަޝްރާގު ޖެހި ޕެނަލްޓީއެވެ.

މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އުތީމުގެ ޖާޒީ ނަންބަރު 7 މުޙައްމަދު މަޒީންއެވެ. މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހިކުޅުންތެރިޔަކަށް ހޮވުނީ ހޯރަފުށީގެ ޖާޒީ ނަންބަރު 11 ޢަލީ ޒިޔާދު އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • މުރައިދޫ ޖާޒީ ނަންބަރު 1 ޢަބުދުﷲ ޢަބުދުލް ޢަޒީޒް
  • ދިއްދޫ ޖާޒީ ނަންބަރު 37 މުޙައްމަދު ނައުޝާދު
  • މުރައިދޫ ޖާޒީ ނަންބަރު 7، މުޙައްމަދު ނަޒްމީން
  • އުތީމު ޖާޒީ ނަންބަރު 5، މުޙައްމަދު ރިފާޢު
  • އުތީމު ޖާޒީ ނަންބަރު 7 މުޙައްމަދު މަޒީން

މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އުތީމުގެ ކޯޗު ޢަލީ ހައިސަމްއެވެ. މި މުބާރާތުގެ ފެއާރޕްލޭ ޓީމަކީ ދިއްދޫ އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އުތީމުގެ ޖާޒީ ނަންބަރު 7 މުޙައްމަދު މަޒީންއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ މަޒީން

މި މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފެވެ. އަދި މި ރަސްމިއްޔާތުގައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިނިސްޓަރު ޢަބުދުﷲ ރާފިޢު ވެސް ބައިވެރިވެވަޑައިގަތެވެ.

ހއ. އަތޮޅުގެ ނުވަ ރަށެއް ބައިވެރިވި މި މުބާރާތް ކުޅުނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ ޓީމު ތަކަކީ އިހަވަންދޫ، އުތީމު، ވަށަފަރު، ފިއްލަދޫ އަދި ހޯރަފުއްޓެވެ. އަދި ގްރޫޕް ބީ ގައި ހިމެނެނީ ދިއްދޫ، މުރައިދޫ، ބާރަށް އަދި ކެލައެވެ.

މި މުބާރާތުގައި ހއ.އަތޮޅުން މި އަހަރު ބައިވެރި ނުވަނީ މޮޅަދޫ، ތުރާކުނު، އުލިގަމު، ތަކަންދޫ އަދި މާރަންދޫ އެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމް އުތީމަށް ވާދައިގެ ތައްޓާއި، 35000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ވާދާއިގެ ތަށްޓާއ،ި ރަން މެޑެއްޔާއ،ި ހަނދާނީ ލިޔުން ދީފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމް މުރައިދޫ އަށް 15000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ރިހި މެޑެއްޔާއ،ި ހަނދާނީ ލިޔުން ދީފަވެއެވެ. އަދި މުބާރާތުގެ ފެއަރޕްލޭ ޓީމް ދިއްދޫ އަށް 5000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ޓްރޮފީ އާއި ހަނދާނީ ލިޔުން ދީފަވެއެވެ.

މިއަހަރުގެ މި މުބާރާތް ބާއްވާފައި ވަނީ އުތީމުގައެވެ.