ނ. ފޮއްދޫ ބަނދަރު ފުން ކުރުމުގެ މަޝްރޫޢުގެ %43 މަސައްކަތް ނިމިފައިވާ ކަމަށް، މި މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ވިދާޅުވީ، ފޮއްދޫ ބަނދަރުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ދެއްވާފައިވާ ޔަގީންކަމާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ފޮއްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތަކީ އެ ރަށު ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވާ ދަތިކަންކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. ރަށުގެ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މި ދަތިކަން ފާހަގަކުރެވިފައިވާއިރު، މިކަމުގެ ސަބަބުން ހިތާމަވެރި އެތައް ހާދިސާތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރަށު ރައްޔިތުން ވަނީ ބުނެފައެވެ.
މި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މި ފަހުން ފޮއްދުއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ. ރައީސް ވިދާޅުވީ، ފޮއްދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަމަށް މި ސަރުކާރުން ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވަނީ، އެކަމުގެ ސަބަބުން ހިތާމަވެރި އެތައް ހާދިސާތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ލިބިފައިވާ ހިތްދަތިކަން ނިމުމަކަށް ގެންނަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. އަދި ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމަވައި ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ އިތުރަށް ވިދާޅުވެފައެވެ.
މި މަޝްރޫޢު ނިމުމަކަށް އައުމާއެކު، ފޮއްދޫގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ދަތިކަންކަމުން ސަލާމަތްވެ، ރައްކާތެރިކަމާއެކު ލަފާފުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!