ރާއްޖޭގައި ކޮލެޖުތަކަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބުމަށް ހިނގާ މުއްދަތު ކުރުކޮށް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލު ފާސްކޮށްފައި ވަނީ 05 ނޮވެންބަރު 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައެވެ.

Ad
rt

މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލުމެވެ. އަދި ވަސީލަތްތަކާއި ޤާބިލުކަން ހުރި ފަރާތްތަކަށް ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ހިންގޭނޭ ޝަރުތުތައް މުރާޖަޢާކޮށް އިޞްލާޙުކުރުމެވެ.

މި އިޞްލާޙާއެކު ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ޝަރުތެއްގެ ގޮތުގައި ހިމަނާފައިވަނީ، އެ މަރުކަޒަކީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 15 އަހަރުވެފައިވާ، ނުވަތަ ބޭރު ޤައުމެއްގެ ޔުނިވަރސިޓީއެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ މަރުކަޒަކަށްވުމެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، އެ ކޮލެޖެއްގައި ވަކި ޝަރުޠުތަކެއް ފުރިހަމަވާންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

15 އަހަރު ހިންގާފައިވާ ކޮލެޖްތައް ޔުނިވާސިޓީތަކަށް ބަދަލު ކުރެވޭ އިސްލާހްގެ ބިލު ފާސްކޮށްފި

ޔުނިވަރސިޓީއަކަށް ބަދަލުވުމުގެ މުހިންމު ޝަރުޠުތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި 9 ގެ، މަދުވެގެން 3 ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވަރސިޓީއެއްގެ ޕްރޮގްރާމްތައް ހިންގުން.
  • އެ ކޮލެޖެއްގައި ހިންގާ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1000 (އެއްހާސް) ދަރިވަރުން ކިޔެވުން.
  • ބައިނަލްއަޤްވާމީ ޔުނިވަރސިޓީ ރޭޓިންގއެއް ނުވަތަ ރޭންކިންގއެއްގައި ބައިވެރިވެ ރޭޓުކުރެވި ނުވަތަ ރޭންކުކުރެވިފައިވާ ކޮލެޖަކަށްވުން.
  • ބައިނަލްއަޤްވާމީ ޔުނިވަރސިޓީތައް ބައިވެރިވާ ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައާއި، ބައިނަލްއަޤްވާމީ ކޮލިޓީ އެޝުއަރަންސް ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރުދުވަސް ހޭދަކޮށްފައިވުން.
  • ބައިނަލްއަޤްވާމީ ފެންވަރުގެ ރިސާރޗް މަސައްކަތްތައް، ބޭރުގެ ޔުނިވަރސިޓީތަކާއި، ޖަމާޢަތްތަކާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
  • އެ ކޮލެޖެއްގެ އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑެމިކް މުވައްޒަފުންގެ މަދުވެގެން %10 (ދިހައެއް އިންސައްތަ) އަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުން.
  • އެ ކޮލެޖެއްގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވަރސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ޤާއިމުކުރެވިފައިވުން.

މި ގާނޫނު ތަންފީޒުކުރުމަށްޓަކައި، ގާނޫނަކަށް ވާތާ ގިނަވެގެން ދެ މަސް ދުވަހުގެ ތެރޭގައި އެކަމާ ގުޅޭ ގަވާއިދުތައް ހަދަންޖެހޭނެކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް މިފަދަ ބިލެއް ހުށަހެޅިއެވެ. ކޮލެޖެއްގެ ގޮތުގައި، މެދުނުކެނޑި ހިންގާތާ 10 އަހަރު ވެފައިވާ ތަންތަން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް،މަތީ ތައުލީމުގެ ގާނޫނަށް އިސްލާހު ގެންނަން އެފަހަރު ހުށަހެޅީ އިހަވަންދޫ ދާއިރާގެ މަޖިިސް މެމްބަރު މުހައްމަދު ޝިފާއު އެވެ. ނަމަވެސް އެ ބިލުގެ މަސައްކަތެއް ނުހިނގައެވެ.