ރާއްޖޭގެ ދަރިވަރުންނަށް ސައުތު ކޮރެއާގައި މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ކޮއިކާ) ސްކޮލަރޝިޕް ފެލޯޝިޕް ޕްރޮގްރާމް 2026 ގެ ދަށުންނެވެ.
މިކަން ހާމަކުރައްވާފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އިއްޔެ ކުރި ޢިއުލާނުގައި ބުނެފައިވާ ގޮތުން، ދިވެހި ދަރިވަރުންނަށް ކޮރެއާގެ ފަސް ޔުނިވަރސިޓީއަކުން މާސްޓަރސްގެ ފަސް ޕްރޮގްރާމަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ފުރުސަތު ހުޅުވާލެވިފައިވާ ކޯސްތަކަކީ:
- މާރސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ޖެންޑަރ އީކުއަލިޓީ - އެވްހާ ވޮމެންސް ޔުނިވާރސިޓީ
- ސްމާރޓް ސިޓީ މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ - ހަންޔަންގ ޔުނިވާރސިޓީ އިން މާސްޓަރސް ޑިގްރީ ޕްރޮގްރާމް
- މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ގްލޯބަލް އެޑިއުކޭޝަން ލީޑަރޝިޕް - ކޮރެއާ ނެޝަނަލް ޔުނިވާރސިޓީ އޮފް އެޑިއުކޭޝަން
- މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ޓެކްސް އެން ފީސަލް ޕޮލިސީ - ކޮރެއާ ޔުނިވާރސިޓީ
މާސްޓަރސް ޑިގްރީ އިން ޕަބްލިކް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޓިވް ރިފޯރމް - ސެއޯލް ނެޝަނަލް ޔުނިވާރސިޓީ
މި މާސްޓަރސް ޑިގްރީ ކޯސްތަކަށް ކުރިމަތިލުމަށް ހަމަޖައްސާފައިވާ ޝަރުތުތަކުގެ ތެރޭގައި، ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން އަދި 1 އެޕްރިލް 2026 އަށް 35 އަހަރު ނުވުން ހިމެނެއެވެ. މީގެ އިތުރުން، އިނގިރޭސި ބަހުގެ ފެންވަރު ދައްކުވައިދޭ TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން ނުވަތަ ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން ލާޒިމުވެއެވެ. މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާ ގައިޑްލައިން އަދި ޔުނިވަރސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުމަށްވެސް ޝަރުތުކުރެއެވެ.
މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުން އެޕްލިކޭޝަން ފޯމާއި، އެހެނިހެން ސަޕޯރޓިންގ ޑޮކިއުމެންޓްގެ ހާރޑް ކޮޕީ 18 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއަށް ހުށަހަޅަންޖެހެއެވެ. އޮންލައިން އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 17 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 އެވެ. އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.
ޚާއްސަ ކަމެއްގެ ގޮތުން، ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ފަރާތްތަކަށްވެސް މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ނަމަވެސް، އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.
މި ފުރުސަތާ ބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް http://www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެކަމަށް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުންޏެވެ. އިތުރު ސުވާލުތައް ހުރިނަމަ ފޮނުވަން ޖެހެނީ އީމެއިލް ކުރާނީ schol@mohe.gov.mv އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!