ބަހްރެއިންގެ މަނަމާގައި މިހާރު ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ތާރީހަށް އައު ފަޞްލެއް ގެނެސް، އައިޝަތު ދީމާ ނަދީމް އާއި އަޒްކާ ބިންތު މުޙައްމަދު ސިދުގީގެ ޕެއަރއިން ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށްފިއެވެ. މިއީ އޭޝިއާ ފެންވަރުގެ މުބާރާތެއްގައި ރާއްޖޭގެ ބީޗް ވޮލީ ބޯޅައިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ މި ޕެއާއިން ކުއާޓާ ޔަގީންކުރީ އަންހެން ބީޗް ވޮލީ އިވެންޓްގެ ގްރޫޕް ބީގެ ތިންވަނަ ހޯދައިގެންނެވެ. މީގެ ކުރިން ބީޗް ވޮލީގެ އެއްވެސް ޓީމަކުން އޭޝިއާ މުބާރާތެއްގެ ކުއާޓާ ފައިނަލްގައި ވާދަކޮށްފައެއް ނުވެއެވެ.
ގްރޫޕް ބީގައި ދީމާ އާއި އަޒްކާ ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އެ ޕެއާއިން ޖުމްލަ ހަތް ޕޮއިންޓް ހޯދި އިރު، ގްރޫޕްގެ ހަތަރުވަނަ އަށް ދިޔަ މޮންގޯލިއާ އާއި ފަސްވަނައަށް ދިޔަ ޖޯޑަންއަށްވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ނަމަވެސް ރާއްޖެ އެ ދެޓީމަށްވުރެ ކުރިއަށް ޖެހިލީ މެޗުތަކުގައި ހޯދި ސެޓުތަކާއި ކާމިޔާބުކުރި ޕޮއިންޓަށް ބަލައިގެންނެވެ.
ދީމާއާއި އަޒްކާގެ ޕެއާއިން މިރޭ ގްރޫޕްގެ ފަހު މެޗުގައި ގްރޫޕްގެ އެއްވަނަ ހޯދި ތައިލޭންޑް ކައިރީގައިވެސް ވަނީ މޮޅު ކުޅުމެއްދައްކައި، ގިނަ ޕޮއިންޓްތަކެއް ސްކޯކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު ތައިލޭންޑުން ކާމިޔާބުކުރީ 7-21 އިންނެވެ. އެހެންނަމަވެސް ދެވަނަ ސެޓުގައި ދިވެހި ޓީމުން 11 ޕޮއިންޓް ހޯދުމަކީ ގްރޫޕްގައި ކުރިއަށް ޖެހިލުމަށް ލިބުނު ވަރަށް މުހިންމު ބާރެކެވެ. ދެވަނަ ސެޓު ދިޔައީ 11-21 އިންނެވެ.
ހުރާގެ ދީމާގެ އަޒްކާގެ ޕެއާއިން މޮންގޯލިއާ ވެސް ބަލިކޮށް، ކުއާޓާއާ ގާތަށް
ގްރޫޕް ބީގައި އެއްވަނަ ތައިލެންޑް ހޯދި އިރު، ދެވަނަ ހޯދީ އިންޑޮނޭޝިއާއެވެ. ގްރޫޕްގެ އެންމެ ފަހަތުގައި އޮތީ ބަހްރެއިނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުގައި ދީމާ އާއި އަޒްކާގެ ޕެއާ ބައްދަލުކުރަން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ހޯދި ކަޒަކިސްތާން ޓީމާއެވެ. މި މުހިންމު ކުއާޓާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މި މެޗުންވެސް ރާއްޖޭގެ ދެ ކުޅުންތެރިން ކާމިޔާބީއެއް ހޯދައި، ސެމީ ފައިނަލުގެ ފުރުސަތު ހޯދުމަކީ އަޅުގަނޑުމެންގެ ދުއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!