ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތް ޚާއްސަ ފުޓުބޯޅަ ފެސްޓިވަލް ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ބާއްވައިފިއެވެ.
މި ފެސްޓިވަލަކީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ރައީސް އަޙްމަދު ތޯރިގުގެ ދަޢުވަތަކަށް ރާއްޖެއަށް ޒިޔާރަތްކުރެއްވި ފީފާގެ ރައީސް އިންފަންޓީނޯގެ ޝަރަފުގައި ބޭއްވި ކުޅިވަރު ހަރަކާތެކެވެ.
މި ޚާއްސަ ފެސްޓިވަލުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އާއި، ސަރުކާރުގެ ވަޒީރުންނާއި އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި 2006 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީގެ ޓީމުގެ މަޝްހޫރު ތަރި މާކޯ މަޓެރާޒީ އާއި، ރާއްޖޭގެ ފުޓުބޯޅައިގެ ލެޖެންޑުން ވެސް މި ފެސްޓިވަލުގައި ބައިވެރިވިއެވެ.
ރައީސް މުޢިއްޒު އާއި އިންފަންޓީނޯ
އެފްއޭއެމްގެ ކިޑްސް ފުޓްބޯލް ފެސްޓިވަލްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ވަނީ ޚާއްޞަ ފުޓްބޯޅަ މެޗެއް ވެސް ކުޅެފައެވެ. މިއީ ފީފާގެ ރައީސް އިންފަންޓީނޯ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ޒިޔާރަތާ ގުޅިގެން އިންތިޒާމުކުރި ފުޓުބޯޅަ މެޗެކެވެ.
ރައީސް މުޢިއްޒު ފީފާގެ ރައީސްގެ ޝަރަފްގައި ބޭއްވި މެޗުގައި ކުޅުއްވަނީ، ފޮޓޯ: ރައީސް އޮފީސް
މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމުގައި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަތެވެ. އަދި ފީފާގެ ރައީސްގެ ޓީމުގައި އިޓަލީގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ މާކޯ މަޓަރާޒީގެ އިތުރުން، ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ނަންވިދާލި ގިނަ ޢަދަދެއްގެ ކުޅުންތެރިން ހިމެނިވަޑައިގަތެވެ. 6-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރައްވާފައިވަނީ، ފީފާގެ ރައީސް އިންފަންޓީނޯގެ ޓީމުންނެވެ.
ފީފާގެ ރައީސް އިންފަންޓީނޯ އާއި ރައީސް މުޢިއްޒު އެފްއޭއެމްގެ ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ބައިވެރިވި ކުދިންނާއެކު، ފޮޓޯ: ރައީސް އޮފީސް
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި މިއީ ފުރަތަމަ ރަސްމީ ޒިޔާރަތެވެ. މި ޒިޔާރަތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ އިންފަންޓީނޯ ވަނީ ބައްދަލުކުރައްވައި، ރާއްޖޭގެ ފުޓުބޯޅައިގެ ދާއިރާ ތަރައްގީކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މިއީ 19 އަހަރު ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. މި ދަތުރަށްފަހު އިންފަންޓީނޯ މިރޭ ފުރާވަޑައިގަންނަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!