ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025" ގެ ރަސްމީ ބުއިމަކަށް (އޮފިޝަލް ޑްރިންކަކަށް) ފަލަސްތީނު ކޯލާ ހަމަޖައްސައިފިއެވެ.

މި އަހަރު ނަޞްރުންގެ ދުވަހު ފަށާ މި މުބާރާތް މިފަހަރު އޮންނާނީ އުތީމުގައެވެ.

Ad
rt

މި މުބާރާތުގެ ރަސްމީ ބުއިމެއްގެ ގޮތުގައި ފަލަސްތީނު ކޯލާ ހަމަޖެހިގެންދިޔަކަން ޢިއުލާންކޮށް، މި މުބާރާތް ހޯސްޓްކުރާ ރަށް އުތީމުގެ ކައުންސިލުން ވަނީ މި ބުއިން ރާއްޖެއަށް މާކެޓުކޮށް ޑިސްޓްރިބިއުޓް ކުރާ އެމްއެޗްއާރު ޓްރޭޑިންއިން އަށް ޝުކުރުއަދާކޮށްފައެވެ.

ފަލަސްތީނަށް އެހީވުމުގެ ގޮތުން އެ ގައުމަށް ނިސްބަތްވާ ދެމީހަކު ވަނީ "ފަލަސްތީން ކޯލާ"ގެ ނަމުގައި އައު 'ސޮފްޓް ޑްރިންކެއް' އުފައްދައިފައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އުފެއްދި މި ބުއިން ރާއްޖޭގެ މަކެޓަށް އެންމެ ފުރަތަމަ ނެރުނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މީގެ އިތުރުން މި މުބާރާތުގެ ރަސްމީ ބޯޅައެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސޮނީ ސްޕޯޓްސްގެ 'ނައިކް ފުޓްސަލް ޕްރޯ-ޓީމް'' ބޯޅައެވެ.

ހއ. އަތޮޅު ކައުންސިލުން ބާއްވާ މި މުބާރާތަކީ އެ އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި، ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމެވެ. އަދި ހއ. އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއ،ި ފުޓްސަލް ކުރިއެރުވުމާއި، އެ އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ހުނަރުވެރި ކުޅުންތެރިންގެ ހުނަރު ދައްކާލުމާއ،ި އެފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފަހިމާހައުލެއް ހޯދައިދީ، އިންތިޒާމީ ގޮތެއްގައި އެކަން ތަނަވަސްކޮށްދިނުމަކީ ވެސް މި މުބާރާތް ބާއްވާ މަގްސަދުތަކެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް 35000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ވާދާއިގެ ތަށްޓާއ،ި ރަން މެޑެއްޔާއ،ި ހަނދާނީ ލިޔުން ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 15000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ރިހި މެޑެއްޔާއ،ި ހަނދާނީ ލިޔުން ދޭނެއެވެ. އަދި މުބާރާތުގެ ފެއަރޕްލޭ ޓީމަށް 5000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ޓްރޮފީ އާއި ހަނދާނީ ލިޔުން ދޭނެއެވެ. މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ޓްރޮފީއާއި ހަނދާނީ ލިޔުމެވެ. މި މުބާރާތުގައި އިތުރު ބައެއް ވަނަތައް ވެސް ހޮވާނެއެވެ.