ހއ.ހޯރަފުށީގައި ހަދަން ފެށި ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް ނުނިމި ގާތްގަނޑަކަށް 3 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަންދާޒާކުރި ޚަރަދަށްވުރެ އިތުރަށް 12,29,832 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ރޭގެ 12 ޖަހާކަންހާއިރު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާންމު ކުރެއްވީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މި ޕްރޮޖެކްޓްގެ މަސައްކަތް 156 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާއިރު މަސައްކަތް ނިމޭނެކަމަށް ބަލައި ޚަރަދުވާނެކަމަށް އަންދާޒާ ކޮށްފައިވަނީ 29,002,493 (ނަވާވީސް މިލިއަން ދެ ހާސް ހަތަރުސަތޭކަ ނުވަދިހަ ތިނެއް) ރުފިޔާ ނަމަވެސް، ބޮޓްލިންގ ޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތަށް 2024 ވަނަ އަހަރުގެ ނިޔަލަށް ޚަރަދުކޮށްފައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ 41,232,325 (ސާޅިސް އެއް މިލިއަން ދެ ލައްކަ ތިރީސް ދެ ހާސް ތިންސަތޭކަ ފަންސަވީސް) ރުފިޔާކަމަށް ބުނެފައިވެއެވެ.

Ad
rt

.ހޯރަފުށީގައި ހަދަން ފަށާފައިވާ ބޮޓްލިންގ ޕްލާންޓް އަކީ ފެނަކަ ކޯޕަރޭޝަނަށް އާމްދަނީ ލިބޭ ކަންކަން ފުޅާކުރުމަށާއި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ސާފު ބޯފެން ފޯރުކޮށްދިނުމަށްޓަކައި، ކުންފުނީގެ ސްޓްރެޓެޖިކް ޑިވަލޮޕްމަންޓް ޕްލޭން (2023-2019) ގައި ހިމަނައިގެން ކުރިއަށްގެންދަން ފެށި ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރަންފެށި ޕްރޮޖެކްޓެކެވެ. ފެނަކަ ކޯޕަރޭޝަން އިން މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައިވަނީ ޖޮއިންޓް ވެންޗަރ އުސޫލުން ހޯރަފުށީ ކައުންސިލްގެ އިދާރާއާ ގުޅިގެން ދެ ފަރާތުން އިންވެސްޓްކުރާ އިންސައްތައެއްގެ މައްޗަށް ހިއްސާ ބަހާގޮތަށެވެ.

މިގޮތުން 06 ޖޫން 2020 ގައި ހޯރަފުށީ ކައުންސިލްގެ އިދާރާއާއި ފެނަކަ ކޯޕަރޭޝަން އާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ހޯރަފުށީ ކައުންސިލްގެ އިދާރާއިން މި ޕްރޮޖެކްޓް އަށް 8,000,000 (އަށް މިލިއަން) ރުފިޔާ ޚަރަދު ކުރުމަށް ކަނޑައަޅާފައިވާއިރު، މި ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރުމަށް ހަމަޖެހިފައިވާ ބޮޓްލިންގ ޕްލާންޓް އޮޕަރޭޝަނާ ހަމައަށް ގެނައުމަށް ކުރަންޖެހޭ އިތުރު ޚަރަދުތައް ކުރާގޮތަށް ހަމަޖައްސާފައިވަނީ ފެނަކަ ކޯޕަރޭޝަނުންކަމަށާއި މީގެ އިތުރުން، މި ޕްރޮޖެކްޓްގެ ކޮންސެޕްޓް ޑިޒައިންކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމާއި މެޝިނަރީ އާއި އިކްއިޕްމަންޓް ހޯދައި އިންސްޓޯލްކުރުމާއި އޮފީސް ޤާއިމްކުރުމާއި ބޮޓްލިންގ ޕްލާންޓް އޮޕަރޭޓްކުރުމާއި ވިޔަފާރި މެނޭޖުކުރުމަކީ ފެނަކަ ކޯޕަރޭޝަންގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަންކަމެއްކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ހޯރަފުށީ ބޮޓްލިންގ ޕްލާންޓްގެ އިމާރާތުގެ މަސައްކަތް 2021 އޮގަސްޓު މަހު އަމިއްލަ ކުންފުންޏަކާ ހަވާލުކުރެވުނު ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރެވުމުގެ ސަބަބުން 2022 ޖުލައި މަހު އެއްބަސްވުން ބާޠިލުކުރެވުނެވެ. އޭގެފަހުން މަސައްކަތް ކުރިއަށް ގެންދިޔައީ އިން-ހައުސްކޮށް ނަމަވެސް، މަސައްކަތް ނުނިމި ދިގުލައިގެން ގޮސް، އަންދާޒާކުރި އަދަދަށްވުރެ އިތުރަށް 12.2 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.

ޕްލާންޓަށް ބޭނުންވާ ތަކެތި ގެނައުމުގައި ދިމާވި މައްސަލަތަކުގެ ތެރޭގައި، ޑެމަރޭޖް ފީގެ ގޮތުގައި 591,981 ރުފިޔާ ފެނަކައިން ދައްކަންޖެހުނެވެ. އެއްބަސްވުމުގައިވާ ގޮތުން މި ފައިސާ ދައްކަންޖެހެނީ މަސައްކަތާ ހަވާލުވި ފަރާތުން ނަމަވެސް، އެ ފަރާތުގެ ބިލުން އުނިކުރުމަށްފަހު އަނބުރާ ދީފައިވާކަން ފާހަގަކުރެވެއެވެ.

ޕްލާންޓް އޮޕަރޭޝަނަށް ނުގެނެވި ވަނިކޮށް، 2022 ވަނަ އަހަރު 15 މުވައްޒަފުން ދާއިމީކޮށް ވަޒީފާއަށް ނަގައި، އެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 3 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފައިވެއެވެ. މި މުވައްޒަފުން 2023 ޖޫން މަހުގެ ނިޔަލަށް ވަޒީފާއިން ވަކިކޮށްފައިވެއެވެ. ބިއްލޫރި ފުޅީގައި ފެންބަދުކުރާ "ބޮޓަލިންގް ފްލާންޓް" ގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން އެ ރަށު ކައުންސިލުން ކަނބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށް މިއަހަރުގެ ޖޫންމަހު ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.

ފެނަކަ ކޯޕަރޭޝަނުން ހޯރަފުށީގައި ބޮޓްލިންގ ޕްލާންޓެއް ޤާއިމްކުރުމަށް ބޭނުންވާ އިކުއިޕްމަންޓާއި ޕްލާންޓަށް ބޭނުންވާ ތަކެތި ސަޕްލައިކުރުމުގެ މަސައްކަތް ވާދަވެރި ބީލަމަކަށް ނުގޮސް، ރާއްޖެއިން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 5 އެއްބަސްވުމެއްގެ ދަށުން، ޖުމްލަ 1,593,924 ޑޮލަރު (24,578,308 ރުފިޔާ) އަށްކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް ޤާއިމްކުރުމަށް ފެނަކަ އާއިއެކު އެއްބަސްވުމެއް

ފެނަކަ ކޯޕަރޭޝަންގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށް މަދުވެގެން 3 ފަރާތަކުން އަގު ހޯދަންޖެހެއެވެ. ނަމަވެސް މި މަސައްކަތް ހަވާލުކޮށްފައިވަނީ އިތުރު ފަރާތްތަކުގެ ހުށަހެޅުންތައް ނުހޯދައި، ޑައިރެކްޓް ޕަރޗޭސް ކޮމިޓީގެ ނިންމުމަކުންކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ހޯރަފުށީގައި ފެން ބަންދު ކުރާ ޕްލާންޓްގެ އަމަލީ މަސައްކަތް ފަށަނީ

މިހާރު މި ޕްލާންޓްގެ މަސައްކަތް ވަނީ ހުއްޓިފައެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިސްލާހުކުރަން ލަފާދީފައިވަނީ އެ ތަނާއި އެތަނުގައި ހުރި މުދާ ރައްކާތެރިކަމާއެކު ބަލަހައްޓައި، ކުންފުންޏަށް ގެއްލުން ނުވާނެ ގޮތަކަށް ޕްލާންޓް ހިންގޭނެ ގޮތްތައް ލަސްނުކޮށް ހަމަޖެއްސުމަށެވެ.

އިންޑިއާ ސަރުކާރުގެ މާލީ އެހީ، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ) ގެ ސްކީމްގެ ދަށުން ހޯރަފުށީ ކައުންސިލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ފެނަކަ އާއި ހަވާލުކުރީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެތެރޭގަ އެވެ. މި ޕްލާންޓް ގާއިމްކުރުމަށްޓަކައި އެރަށު ވޯޓާ ސަޕްލައި ޕްލާންޓް ހުރި ސަރަހައްދުގައި ކައުންސިލުން ބިން ހަމަޖައްސާ ދީފައިވާއިރު، 2021 ވަނަ އަހަރު ފެބްރުއަރީގެ ނިޔަލަށް ޕްލާންޓް ގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އަންދާޒާކުރެވޭކަމަށް ފެނަކަ އިން އޭރު މައުލޫމާތު ދިނެވެ.

މި މަޝްރޫއު ގެ ދަށުން ރަށުގެ ކޮންމެ ގޭބިސީއަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ޑިސްޕެންސަރ ހަވާލުކުރުމަށް ހަމަޖެހިފައިވާ އިރު ހޯރަފުށީ ފެންޕްލާންޓް އިން ދުވާލެއްގެ މައްޗަށް 10 ހާހާއި 12 ހާހާއި ދެމެދުގެ އަދަދެއްގެ ބިއްލޫރި ފުޅި އުފައްދާނެ ކަމަށް އެއިރު ބުންޏެވެ.